އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ނުވަ މިލިއަނާ ގާތް ކޮށްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ބުރާސްފަތި ދުވަހު އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާ އިން މިހާތަނަށް 8،960،097 މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ. އިންޑިއާ އިން ގާތްގަނޑަކަށް ނުވަ މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މިއީ ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ އިން ބަލި ފެނުނު ގައުމެވެ.

ދުނިޔެ އިން އެންމެ ގިނައިން ކޮވިޑް ޖެހުނު މީހުން ތިބީ އެމެރިކާގައެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް 11.8 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. މިހާތަނަށް އިންޑިއާ އިން ކޮވިޑް ޖެހިގެން 131،639 މީހުން މަރުވެފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އިންޑިއާއިން 8،383،602 މީހުން ރަނގަޅު ވެފައި ވެއެވެ. އެކްޓިވް ކޭސް ތަކުގެ ގޮތުގައި އިންޑިއާގައި 444،857 މީހުން ތިބި އިރު ސީރިއަސް ހާލަތުގައި އެގައުމުގައި ތިބީ 8،944 މީހުންނެވެ.

ދުނިޔެއިން ދެ ވަނައަށް އެންމެ ބޮޑަށް ދެކުނު އޭޝިޔާގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރޭއިރު ސެޕްޓެމްބަރުގެ ފަހުން ކޮވިޑް ކޭސްތައް މަދުވާކަން ފާހަގަ ކުރެވެއެވެ. އިންޑިއާގައި ހަކުވިކަމާއި އެކީ ކޮވިޑް ފެތުރޭ އިރު އެ ގައުމުގައި މި ދުވަސްތަކަކީ އެކި ކަހަލަ މުނާސަބަތްތަކާއި ގުޅިގެން އެއްވުންތައް ބާއްވަމުން އަންނަ ދުވަސްތަކެކެވެ. އެ ގައުމުގައި ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ އިރު އެ ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުނަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

ކޮވިޑް ހުއްޓުވުމަށް އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކައިވެނި ހަފްލާތަކަށް ގިނަވެގެން ދެވޭ މީހުންގެ އަދަދު 200 އިން 50 އަށް ވަނީ ކުޑަކޮށްފައެވެ. އިންޑިއާގައި އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ ހިސާބަކީ ދިއްލީއެވެ. ކޮވިޑުގެ ތިން ވަނަ ރާޅާއި އެކު އެ ސަރަހައްދު އޮތީ އެލާޓުގައި އެވެ. އަދި ކޮންމެހެން ބޭރަށް ދާން ނުޖެހެނީސް ބޭރަށް ނިކުމެ ނޫޅުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ. ނޭވާލާ ނިޒާމަށް ޖެހޭ މި ބައްޔަކީ ކޮންމެ އުމުރެއްގެ މީހަކަށްވެސް ޖެހިދާނެ ބައްޔެކެވެ.

ދަ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން ވަނީ މި ނޮވެމްބަރު މަސް ނިމެންދެން ކޮންމެ ދުވަހަކު އެ ގައުމުން 60،000 ކޮވިޑް ސުންކު ނަގަން ނިންމައިފައެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ ބުދަ ދުވަހު އެކަނިވެސް އެ ގައުމުން 38 ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި 449 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު