ކޮވިޑް-19 އަށް ޗައިނާގެ ސިނޯވެކް ކުންފުނިން އުފެއްދި ވެކްސިން މިހާތަނަށް އެއްމިލިއަން މީހުންނަށް ދީފައިވާކަން އެކުންފުނިން އިއުލާން ކޮށްފިއެވެ. އެހެން ކަމުން ސިނޯވެކްގެ ވެކްސިނަކީ މިހާތަނަށް ކޮވިޑް-19 އިން ދިފާއު ވުމަށް އެންމެ ގިނަ މީހުންނަށް ދިން ވެކްސިނެވެ.

ބޭސް އުފައްދާ ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސިނޯވެކް އިން ބުނީ އެކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން މިލިއަނެއްހާ މީހުންނަށް ދިން އަދި މިހާތަނަށް އެއްވެސް މީހަކަށް ވެކްސިން ދިނުމުގެ ސަބަބުން ސީރިއަސް މައްސަލައެއް ދިމާވެފައި ނުވާކަމަށެވެ.

ސިނޯވެކް ކުންފުުނިން ވެސް ކޮވިޑް-19 އަށް ދެވެކްސިނެއް އުފައްދާފައި ވެއެވެ. ނަމަވެސް މީގެ ތެރެއިން އެއްމިލިއަން މީހުންނަށް ދީފައި ވަނީ ކޮން ވެކްސިނެއް ކަމެއްް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސިނޯވެކް އިން އުފައްދާފައިވާ ވެކްސިނެއްގެ ތިން ވަނަ މަރުހަލާގެ ތަހްލީލްތައް ގިނަ ގައުމުތަކެއްގައި ކުރިއަށް އެބަގެންދެއެވެ. ތިން ވަނަ މަރުހަލާގެ ތަހްލީލްތަކުގައި 60000 މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވެއެވެ.

ސިނޯވެކްގެ ސީއީއޯ ބުދަ ދުވަހު ޗައިނާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެކުންފުނިން އުފެއްދި ވެކްސިން އިން މިހާރު ވަރަށް އެދެވޭ ނަތީޖާތަކެއް ފެންނަމުންދާ ކަމަށެވެ. ނަމަވެސް ވެކްސިން އާއްމުކޮށް މީހުންނަށް ދޭން ފަށާނެ ދުވަހެއް އޭނާ އިއުލާނެއް ނުކުރެއެވެ.

ތަޖުރިބާކާރުން ލަފާކުރަ ގޮތުގައި ސިނޯވެކް އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިނެއް މިމަސް ނިމުމުގެ ކުރިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އެމެރިކާގެ ދެކުންފުންޏަކުންނާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިންތަކަކީ ކޮވިޑް-19 އިން ދިފާއު ކޮށްދޭނެ ވެކްސިންތަކެއްކަން މިހާރު ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އެވެކްސިންތައް އެހެން ގައުމުތަކަށް އަވަހަށް ލިބިދާނެ ކަމަކަށް ނުބެލެވެއެވެ.

ޗައިނާ އިން އުފައްދާ ކޮވިޑް-19 ޗައިނާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވުރެ ބޮޑަށް އިސްކަން ދޭނީ އެހެން ގައުމުތަކަށް އަވަހަށް ފޯރުކޮށްދިނުމަށް ކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ. އެހެންކަމުން ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ޗައިނާގެ ކޮވިޑް-19 ވެކްސިންގެ މުހިއްމުކަން ވަކިން ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު