ކޮވިޑް-19 ޖެހިގެން ސްރީލަންކާ އިން މިއަދު 27 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ސްރީލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެގައުމުން މިއަދު 439 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ހަތަރު މީހަކު ކޮވިޑް-19 ޖެހިގެން މަރުވި ކަމަށެވެ. މިއަދު މަރުވި މީހުންގެ ތެރޭގައި 27 އަހަރުގެ އަންހެނަކު ހިމެނޭކަން ލަންކާ ސަރުކާރުން ކަށަވަރު ކޮށްދިން ނަމަވެސް އެނާގެ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އެހެންކަމުން މަރުވި ޒުވާނާ އަކީ އެއްވެސް ސިއްހީ އެހެން މައްސަލައެއް ހުންނަ މީހެއްކަން ނުވަތަ ނޫންކަން ކަށަވަރެއް ނުވެއެވެ.

މިއީ ސްރީލަންކާ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވި އެންމެ ހަގު މީހާއެވެ.

ސްރީލަންކާ އިން ކޮވިޑް-19 ކޮންޓްރޯލް ކޮށްފައި ވަނިކޮށް އެގައުމުގެ ހާލަތު ގޯސްވާން ފެށީ އޮކްޓޯބަރ މަހުގެ ކުރީކޮޅުއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އެގައުމުން ގިނަ ބަޔަކު އަންނަނީ ކޮވިޑް-19 އަށް ފައްސިވަމުންނެވެ. ސްރީލަންކާ އިން މިހާތަނަށް 18,841 މީހަކު ކޮވިޑް-19 އަށް ފައްސިވެ 73 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އޮކްޓޯބަރ މަސް ފެށުނުއިރު ސްރީލަންކާގައި ކޮވިޑް-19 އެކްޓިވް ކޭސްގެ އަދަދު 130 އަށް މަދުވިއެވެ. ނަމަވެސް އެގައުމުގެ ހާލަތު ގޯސްވެ މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5700 އަށް އަރާފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ސްރީލަންކާގެ ގިނަ ސަރަހައްދުތައް މިހާރު ވަނީ ފުރަބަންދުކޮށް ކާފިއު އިއުލާން ކޮށްފައެވެ. ސްރީލަންކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގައި ބަލި ކޮންޓްރޯލް ކުރެވި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަދުވާން ފަށާނެއެވެ.

ސްރީލަންކާ އަކީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އެންމެ ފުރަތަމަ ވެސް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު