ޗައިނާގެ ސިނޮވެކް އިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންގެ 120000 ޑޯޒް ބްރެޒިލް އަށް ގެންގޮސްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާގެ ސިނޮވެކް ބަޔޮޓެކުން އުފައްދައި ބްރެޒިލްގައިވެސް ތަހްލީލްތައް ކާމިޔާބުކޮށްފައިވާ ވެކްސިންގެ ފުރަތަމަ 120000 ޑޯޒް، ވެކްސިން ދޭން ފެށުމަށްޓަކައި ބްރެޒިލްގެ ސައޮޕޯލޯއަށް ބުރާސްފަތި ދުވަހު ވަނީ ގެންގޮސްފައެވެ.

ކާގޯ ފްލައިޓެއްގައި ގެންދިޔަ ވެކްސިންތަކާއި ބްރެޒިލް އިން ހަވާލުވީ ސައޮޕޯލޯ ސްޓޭޓް ހެލްތު ސެކްރެޓަރީ ޖިއާން ގޮރިންޗެޓޭން އާއި ސްޓޭޓް ގަވަރުނަރު ޖޮއާއޯ ޑޯރިއާ އަދި ބުޓަންޓަން އިންސްޓިއުޓްގެ ޑިރެކްޓަރ ޑިމަސް ޓެޑޭއުއެވެ.

ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިވެކްސިންތައް އާއްމުންނަށް ދޭން ފަށާނީ ބްރެޒިލްގެ ނޭޝަނަލް ހެލްތު ރެގިއުލޭޓާ "އަންވިސާ" އިން މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމުންނެވެ. އަންވިސާ އިން މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށް ބެލެވެނީ ޑިސެމްބަރ މަހު ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.

އަންވިސާ އިން ވެކްސިންއަށް ހުއްދަ ދިނުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބެލުމަށް އެއިދާރާގެ އޮފިޝަލުންތަކެއް މިހާރު ވަނީ ޗައިނާ އަށް ވަޑައިގެންފައެވެ. ޗައިނާ އަށް ވަޑައިގެންނެވި އޮފިޝަލުން މިހާރު ތިއްބެވީ ބެއިޖިންގައި ކަރަންޓީން ވެގެންނެވެ. އެބޭފުޅުން ވެކްސިންގެ މައުލޫމާތުތައް ސާފުކުރުމުގެ މަސައްކަތް ފައްޓަވާނީ ކަރަންޓީންގެ ދެހަފްތާ ފުރިހަމަ ކުރެއްވުމަށް ފަހުއެވެ.

ޗައިނާ އިން ވަނީ ޖަނަވަރީ މަސް ނިމުމުގެ ކުރިން ބްރެޒިލް އަށް ހަމިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައެވެ.

މިވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހްލީލްތައް އަދިވެސް ބްރެޒިލްގެ އިތުރުން އިންޑޮނޭޝިއާ އާއި ތުރުކީގައި ކުރިއަށް އެބަދެއެވެ.

ޗައިނާ އިން މިހާރު ވެސް ވަނީ ސިނޯވެކްގެ ވެކްސިން މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ދީފައެވެ. އެއިން އެއްވެސް މީހަކަށް ވެކްސިން ދިނުމުގެ ސަބަބުން ސީރިއަސް ސިއްހީ މައްސަލައެއް ދިމައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯކިބާ

    މިހުރިހާކަމެއް ދުނިޔޭގައި ހިނގާއިރު ހުޅަނގުގެ މާކެޓިން ޕުރޮޕެގެންޑާ ނޫސްތައް ތަރުޖަމާކޮށްގެން ދުވާލު ދެދަޅައަށް ފާއިޒާއަކާއި އޮކްސްފޯޑެއްގެ ވާހަކަ ނޫސްތަކުގަ ޖަހަނީ. ތިޔައީ ހުޅަނގު ބަޔަކު ކުރިކަމެއްނަމަ ރާއްޖޭގެ ނޫސްތަކުގަ ތިނޫން ވާހަކައެއް ނޯންނާނެ ހަފްތާއެއްވަންދެން.

    12
  2. ހަޖަމު

    ޗައިނާގެ ވެކްސިން ރާއްޖެއަށް ކަމުނުދަނީތޯ؟ އިންޑިޔާއިން ގެރިގޮރުން ހަދާ ވެކްސިނަކަށްތޯ އިންތިޒާރު މިކުރަނީ؟

    12