ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގައި އެމެރިކާގެ ދެކުންފުންޏަކުން މިހާރު ކާމިޔާބު މަސައްކަތްތަކެއްކޮށް އެންމެ ފަހުގެ ހުއްދަތައް ހޯދުމާއި ހަމައަށް ދެވިފައި ވީނަމަވެސް ކުރިއަށް އޮތް ދައުރުގައި އެމެރިކާގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕް ހުރުމުގެ ފުރުސަތު ނުލިބިއްޖެނަމަ އަދިވެސް އެމެރިކާ މީހުންނަށް ވެކްސިން ނުލިބޭނެ ކަމަށް އޭނާ ބުނެފިއެވެ.

އެމެރިކާގެ މޮޑާނާ ކުންފުނިންނާއި ފައިޒާ ކުންފުނިން މިހާރު ވަނީ ކޮވިޑް-19 އަށް ވެކްސިން ހޯދާފައެވެ. ފައިޒާ އިން ވަނީ ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދި އެމެރިކާގެ އެފްޑީއޭ އަށް ލިޔުންތައް ވެސް ހުށަހަޅާފައެވެ.

ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ބުނީ ވެކްސިން ހޯދަން ކުރަން ޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަ ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ ކޮވިޑް-19 އަށް ވެކްސިނެއް އަވަށް ހޯދަން "އޮޕަރޭޝަން ވާޕް ސްޕީޑް" ނަމުގައި މެއި މަސް ތެރޭގައި ފަށާފައެވެ. އެއޮޕަރޭޝަންގެ ދަށުން އެމެރިކާ ސަރުކާރުން ވަނީ ވެކްސިން އުފެއްދުމުގެ ތަހްލީލްތަކަށް ބައެއް ކުންފުނިތަކަށް ފައިސާ ވެސް ދީފައެވެ. އޭގެތެރޭގައި މޮޑާނާ ވެސް ހިމެނެއެވެ.

ނަމަވެސް ވެކްސިން އުފައްދާފައިވާ ފައިޒާ އިން ވަނީ އެމެރިކާ ސަރުކާރުގެ އެއްވެސް ފައިސާގެ އެހީއެއް ބޭނުން ކުރަން ދެކޮޅު ހަދާފައެވެ.

ޓްރަމްޕް ފެށި އޮޕަރޭޝަންގެ މަޤުޞަދަކީ އެންމެ ލަސްވެގެން އަންނަ ޖަނަވަރީ މަހު އެމެރިކާގެ 300 މިލިއަން މީހުންނަށް ވެކްސިން ދިނުމެވެ.

އަހަރެންނަށް ވެރިކަން ނުލިބިއްޖެއްޔާ އެމެރިކާ މީހުންނަށް ވެކްސިނެއް ނުލިބޭނެ ކަމަށް ޓްރަމްޕް ބުނެފައި ވާއިރު އެމެރިކާގައި މިމަހުގެ ކުރީކޮޅު އޮތް ރިޔާސީ އިންތިޚާބުން ބަލިވެ ޓްރަމްޕް އަށް އެމެރިކާގެ ވެރިކަން ޖަނަވަރީ މަހު ގެއްލޭނެކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

ކޮވިޑް-19 އަށް ވެކްސިން ހޯދުނީ ޓްރަމްޕްގެ ކުޅަދާނަކަމުން ކަމަށް އޭނާ ދަނީ މިހާރު ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ޓްރަމްޕްގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ހާލަތު ގޯސްވެ ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ނަސީދު ދައްކާ ކަހަލަ ވާހަކައެއް.

    26
    2
  2. 😴

    ވީވިލް ސީ އެބައުޓް ދެޓް😒

    13
  3. ހެހެ..

    އެހެންވީމަ ޓްރަމްޕް އަކަށްވެސް ވެކްސިނެއް ނުލިބޭނެ. ...😅🙄

    15