އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމުން އޭނާ އަށް ދިން ހާއްސަ ބޭސް އެމަޖެންސީ ހާލަތުގައި އާއްމުންނަށް ދިނުމުގެ ހުއްދަ އެމެރިާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ދީފިއެވެ.

އެމެރިކާގެ ބޭސް އުފައްދާ ކުންފުނި ރީޖެނެރާން އިން އުފެއްދި ބޭސް ޓްރަމްޕް އަށް ދިން އިރު ބޭހުގެ ތަހްލީލްތައް ކޮށްފައި އޮތީ ވަރަށް ކުޑަކޮށެވެ. "ކެސިރިވިމެބް" އާއި "އިމްޑެވިމެބް" ނަމަކަށް ކިޔާ ދެބޭސް ބޭނުން ކޮށްގެންދޭ "ކޮކްޓޭލް" ފަރުވާ ޓްރަމްޕް އަށް ދިނުމަކީ އޭނާ އަވަހަށް ކޮވިޑް-19 އިން ރަނގަޅުވި އެއްސަބަބު ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެއެވެ.

އެމެރިކާގެ އެފްޑީއޭ އިން ހުއްދަ ދީފައި ވަނީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް މިބޭސް ދިނުމަށެވެ. ބޭސް ދިނުމުގެ ހުއްދަ އުމުރުން 65 އަހަރުގެ މަތީގެ މީހުންނަށް ވެސް އެބައޮތެވެ.

އެފްޑީއޭ އިން ބުނާ ގޮތުގައި ދެބޭސް ބޭނުން ކޮށްގެން މިދޭ ފަރުވާގެ ސަބަބުން ކޮވިޑް-19 ޖެހޭ މީހުންގެ ހާލު ސީރިއަސް ނުވެ ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިފަރުވާގެ ސަބަބުން މަދުވެގެން ދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

"މިބޭސް ދޭން ޖެހޭނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ ވަރަށް ހާލަތު ގޯސް ނުވާ މީހުންނަށް. ހާއްސަކޮށް އޮކްސިޖަން ގުޅައިގެން ފަރުވާ ދޭން ނުޖެހޭ މީހުންނަށް." އެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެފްޑީއޭ އިން ބުނީ ރީޖެނެރާންގެ ކޮކްޓޭލް ފަރުވާ ބޭނުން ކުރުމުގެ ހުއްދަ ދިން ނަމަވެސް މިފަރުވާގެ ސަބަބުން ކުރާނެ އަސަރުތައް އަދިވެސް ދަނީ އިތުރަށް ތަހްލީލް ކުރަމުންނެވެ.

އެމެރިކާގެ އިންފެކްޝަސް ޑިސީސްގެ ތަޖުރިބާކަރު ޑރ.އެންތަނީ ފައުޗީ ވެސް ވިދާޅުވެފައިވާ ގޮތުގައި ޓްރަމްޕް އަވަހަށް ކޮވިޑް-19 އިން ރަނގަޅުވި އެއް ސަބަބަކީ ޓްރަމްޕް އަށް ދިން ކޮކްޓޭލް ފަރުވާކަމަށް ގަބޫލު ކުރެވެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ސައިންސްވެރިން ހުއްޓުމެއްނެތި ކުރަމުން ދާއިރު މިހާރު ލިބެން ހުރި ބޭސްތައް ބޭނުން ކޮށްގެން ކޮވިޑް-19 އަށް ފަރުވާއެއް ހޯދޭތޯ ވެސް ސައިންސްވެރިން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން މީގެ ކުރިން ބައެއް ބޭސްތަކުން އުއްމީދީ ނަތީޖާތަކެއް ފުރަތަމަ މަރުހަލާގެ ތަހްލީލްތަކުން ލިބުނު ނަމަވެސް ދުނިޔެ އަށް ދިމާވެފައިވާ ހާލަތުން އަރައިގަނެވޭވަރުގެ ބޭހެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު