އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާން މެކުނުގެ އަސަރު ސައުދީ އަރަބިއްޔާ އަށް ކުރަމުންދާ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް މީޓިއޮރޮލޮޖީ އެންޑް އެންވާރްމަންޓް ޕްރޮޓެކްޝަން އިން ބުނީ އެންމެ ފަހުން ލިބުނު ސެޓްލައިޓް ފޮޓޯތަކަށް ބަލާއިރު މެކުނު ދަތުރު ކުރަމުން ދަނީ އަރަބި ކަނޑުގެ އުތުރުން ހުޅަނގަށް ކަމަށާއި ތޫފާންގެ ސަބަބުން ސައުދީ އަރަބިއްޔާ އަށް ވެސް ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށެވެ.

ތޫފާން މިހާރު ކުރީ ސައުދީ އަރަބިއްޔާ އާއި 350 ކިލޯމީޓަރު ދުރުގައި ކަމަށާއި ނަމަވެސް ތޫފާންގެ ސަބަބުން ސައުދީ އަރަބިއްޔާގެ ބައެއް ސަރަހައްދުތަކަށް 100 މޭލަށް ވެސް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވެއެވެ.

ތޫފާންގެ މެކުނު މިހާރު ވަނީ ޔަމަނަށް އަރާފައެވެ. އަދި އޮމާނަށް ވެސް ދަނީ ތޫފާންގެ އަސަރު ކުރަމުންނެވެ. އަންނަ އަންގާރަ ދުވަހާއި ހަމައަށް މިތޫފާންގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ތޫފާން މެކުނުގެ ސަބަބުން އޮމާންގައި ވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއް ވެސް މިއަދު ހިނގާފައެވެ. މިއީ 1959 ވަނަ އަހަރަށް ފަހު އޮމާނަށް އަރާ އެންމެ ބާރުގަދަ ތޫފާން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތޫފާންގެ ސަބަބުން އޮމާން އާއި ޔަމަނުން ވެސް ބައެއް މީހުން ގެއްލިފައިވާ ކަމުގެ ރިޕޯޓް ވަނީ ލިބިފައެވެ.