ކޮވިޑް-19 އަށް ފައިޒާ އިން އުފެއްދި ވެކްސިން އަންނަ ޑިސެމްބަރ މަހުގެ 11 ނުވަތަ 12 ދުވަހު އާއްމުންނަށް ދޭން ފަށަން ޕްލޭންތައް ތައްޔާރު ކޮށްފައިވާ ކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ކުރަމުން ގެންދާ މަސައްކަތް ވިލަރެސް ކުރާ އެމެރިކާގެ ކޮވިޑް-19 ވެކްސިން ޕްރޮގްރާމްގެ އިސްވެރިޔާ ޑރ.މޮންސިފް ސްލޯއީ މިރޭ ވިދާޅުވީ ފައިޒާ ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އާއްމުންނަށް ދިނުމުގެ ހުއްދަ އެމެރިކާގެ އެފްޑީއޭ އިން ދޭތާ 24 ގަޑިއިރުގެ ތެރޭގައި ވެކްސިން ދިނުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ތައްޔާރީތައް ވެފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ފައިޒާ އިން އުފެއްދި ވެކްސިން އާއްމުންނަށް ދިނުމުގެ ހުއްދައަށް އެދި ހުކުރު ދުވަހު އެފްޑީއޭ އަށް ވަނީ ލިޔުންތައް ހުށަހަޅާފައެވެ. އެފްޑީއޭގެ ބައްދަލުވުމެއް ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ. ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމާއި މެދު އެބައްދަލުވުމެއްގައި ގޮތެއް ނިންމާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޑރ.މޮންސިފް ވިދާޅުވީ އެމެރިކާގައި ޑިސެމްބަރ މަހު ކޮވިޑް-19 އާއްމުންނަށް ދޭން ފެށުނު ނަމަވެސް ކަންކަން ހަމައަކަށްއެޅި ކުރިން އޮތް އާއްމު ހާލަތަކަށް ދެވޭނީ އަންނަ އަހަރުގެ މެއި މަހު ކަމަށް ބެލެވޭ ކަމަށެވެ.

"ވެކްސިން އާބާދީގެ %70 އަށް ދެވިގެން ނުވަތަ އާބާދީގެ %70 މީހުންނަކީ ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރާނެ ދިފާއީ ނިޒާމު އުފެދިފައިވާ މީހުންނަށް ވެގެން ނޫނީ ކުރިން އޮތް އާއްމު ހާލަތައް ރުޖޫއައެއް ނުވެވޭނެ." ޑރ.މޮންސިފް ވިދާޅުވިއެވެ.

އެމެރިކާ އިން ޕްލޭން ކޮށްފައި ވަނީ ޑިސެމްބަރ މަހު 20 މިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިން ދޭށެވެ. އަދި އެއަށްފަހު ކޮންމެ މަހަކު 30 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ވަނީ ޕްލޭން ކޮށްފައެވެ.

ފައިޒާގެ އިތުރުން އެމެރިކާގެ މޮޑާނާ އިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ހުއްދައަށް އެދި ވަރަށް އަވަހަށް އެފްޑީއޭއަށް ލިޔުންތައް ހުށަހަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނު34343

    ރާއްޖެ ވެސް ހަމައަކަށް އެޅޭނީ ވެކްސިނެއް ގެނެސް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދެވިގެން. އެމެރިކާއާއި ހިލާފަށް ރާއްޖޭގައި މިކަން ކުރަން މާބޮޑަށްވެސް ފަސޭހަވާނެ. އެކަމަކު ސަރުކާރުވެ މިސްރާބު ހުރީ ކޮވިޑުގެ ބަލިމަޑުކަމުންވެސް ކުރާ ވައްކަން ދަމަހަޢްޓަން. ވެކްސިނެއް ގެނެސްގެން ކޮވިޑުން ރާއްޖެ ސަލާމަތްކުރަން ކުރާ މާބޮޑު މަސައްކަތެއް ނުފެނޭ، އެވާހަކަ ނުވެސް ދައްކާ. މީހުން މިވާހަކަ ދައްކާވަރުން އިބޫ ކުރީ ދުވަހު މިކިޔަނީ 5 ވަސް ތެރޭ ވެކްސިނެއް ލިބޭނެ ކަމުގެ އުންމީދެކޯ އޮތީ. އިބު އިސްތިއުފާ. ނަޝީދު އަދި އެމްޑީޕީ ހުރިހާ ވަޒީރުން އިސްތިއުފާ!

    9
    1