ޔޫރަޕްގެ ދެކުނު ބައްރުގައި އޮންނަ ގައުމެއް ކަމަށްވާ ރޮމޭނިއާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިއަދު 10000 އަށް އަރައިފއެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން މިރޭ ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން އިތުރު 130 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 10,177 އަށް އަރާފައިވާ ކަމަށެވެ.

ރޯމޭނިއާ ސަރުކާރުން ބުނާ ގޮތުގައި މިއަދު އެގައުމުން މަރުވި ކޮވިޑް-19 ބަލީގެ މީހުންގެ ތެރެއިން 125 މީހުންނަކީ ކުރިން ވެސް ބޮޑެތި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަމުން އައި މީހުންނެވެ. މިއަދު މަރުވި މީހުންގެ ތެރެއިން ހަތަރު މީހުންނަކީ 40 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނެވެ. ނުވަ މީހުންނަކީ 50 އަހަރާއި 59 އަހަރާއި ދެމެދުގެ މީހުންނެވެ. 44 މީހުންނަކީ 60 އަހަރާއި 69 އަހަރާއި ދެމެދުގެ މީހުންނެވެ. 34 މީހުންނަކީ 70 އަހަރާއި 79 އަހަރާއި ދެމެދުގެ މީހުންނެވެ. 39 މީހުންނަކީ 80 އަހަރަށްވުރެ ދޮށީ މީހުންނެވެ.

މިއަދު ރޮމޭނިއާ އިން ވަނީ އިތުރު 4,207 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 422,852 އަށް އަރައެވެ.

އާބާދީގައި 19.4 މިލިއަން މީހުން ތިބި ރޯމޭނިއާގައި ކޮވިޑް-19 ހާލަތު ގޯސްވާން ފެށީ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އޭގެ ފަހުން އެގައުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް އަންނަނީ އިތުރު ވަމުންނެވެ.

ރޮމޭނިއާގެ ހާލަތައް ބަލާއިރު ފާއިތުވި 24 ގަޑިއިރު ވެސް އެގައުމުން ކޮވިޑް-19 އަށް ޓެސްޓް ކުރި މީހުންގެ %42.33 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު