އެމެރިކާގެ ރިޔާސީ އިންތިޚާބުން ބަލިވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެފަހުން ވެރިކަމުގެ ބާރުތައް އިންތިޚާބީ ރައީސް ޖޯ ބައިޑެން އާއި ހަވާލު ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން އަންގައިފިއެވެ.

ނަމަވެސް ވެރިކަމުގެ ބާރުތައް ބައިޑެން އާއި ހަވާލު ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް އިންތިޚާބުގައި "ހަދާފައިވާ ގޯސްތަކާއި، އޮޅުވާލުންތައް" ސާބިތު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ހުއްޓުމެއްނެތި އަދިވެސް ކުރާނެކަމަށް ޓްރަމްޕް ވަނީ މިއަދު ވެސް ތަކުރާރުކޮށް ބުނެފައެވެ.

ޓްރަމްޕް މިހާރު ވަނީ ބައިޑެން އާއި ވެރިކަމުގެ ބާރުތައް ހަވާލު ކުރުމަށް ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަންގެ އިސްވެރިޔާ އެމިލީ މާފީ އަރިހު ދަންނަވާފައެވެ. ޖެނެރެލް އެޑްމިނިސްޓްރޭޝަން އޮފީހަކީ އެމެރިކާ ސަރުކާރުގެ ހުރިހާ ކަަމެއް ބެލެހެއްޓުމުގެ ކަންކަން ކުރާ އޮފީހެވެ. އިންތިޚާބީ ރައީސް އަށް ބޭނުންވާ ކަންކަން ވެސް ފުރިހަމަ ކުރުމުގެ ޒިންމާ ޤާނޫނުން ހަވާލުކޮށްފައި އޮންނަނީ އެއޮފީހާއިއެވެ.

ވެރިކަމުގެ ބާރުތައް ބައިޑެން އާއި ހަވާލު ކުރުމުގެ ކަންކަން ކުރިއަށް ގެންދަން އެންގުމަށް ފަހު ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނީ އިންތިޚާބުގެ ނަތީޖާ އާއި ދެކޮޅަށް ޝަރުއީ ދާއިރާ މެދުވެރިކޮށް ކުރަމުން ގެންދާ މަސައްކަތްތައް އަދިވެސް ވަރަށް ވަރުގަދައަށް ކުރަމުން ގެންދާނަން ކަމަށެވެ. އަދި ސަޕޯޓަރުން ވެސް އެގޮތުގައި ދެމިތިބުމަށް ޓްރަމްޕް އެދުނެވެ.

ނަމަވެސް ޓްރަމްޕް ބުނީ ގައުމަށް އެންމެ ރަނގަޅު ވާނެ ގޮތައް އޭނާ ކަންކަން ކުރާނެ ކަމަށެވެ.

އެމެރިކާގެ ވެރިކަމުގެ ބާރުތައް ބައިޑެން އާއި ހަވާލު ކުރުމުގެ ކަންކަން ފެށުމާއި އެކު ވޮޝިންޓަނުން ބައިޑެން އާއި އިންތިޚާބީ ނައިބު ރައީސް ކަމަލާ ހެރިސް އަށް ހާއްސަ އޮފީހެއް އެމެރިކާ ސަރުކާރު ހަމަޖައްސައިދޭނެއެވެ. އަދި ގައުމީ ސަލާމަތާއި ބެހޭ މައުލޫމާތު ވެސް ބައިޑެން އަށް ދޭނެއެވެ.

ވެރިކަމުގެ ބާރުތައް ބައިޑެން އަށް ބަދަލު ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޓްރަމްޕް އެންމެފަހުން އެއްބަސްމިވީ އިންތިޚާބުގެ ނަތީޖާ ބަދަލު ކުރަން ޓްރަމްޕް ކޯޓުތަކަށް ހުށަހެޅި މައްސަލަތައް ކޯޓުތަކުން ކާމިޔާބުނުވެ ގޮތް ހުސްވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެފްރީ

    ރަތްކާޑުނުދައްކަނީސް ފައިބާނަ މޭބުނީ މާ ވަރަށްއުފާކޮށްފިން ، ކާޑު ދެއްކިނަ މަ ދެންއޮންނައިންތިޚާބަށް ކުރި މަތިނުލެއްވޭނެ!

  2. ސަކީ

    ފައިނަލީ