ކޮވިޑް-19 ފެތުރި މިހާރު އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ ޔޫރަޕްގެ ދެގައުމު ކަމަށްވާ އިނގިރޭސިވިލާތާއި އިޓަލީވިލާތުން މިއަދު ކޮވިޑް-19 ޖެހިގެން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

އިޓަލީވިލާތުން މިރޭ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެގައުމުން މިއަދު 853 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ އިތުރު 23,232 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

މިއަދަކީ މާޗް މަހުގެ 28 ވަނަ ދުވަހަށް ފަހު އިޓަލީވިލާތުން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މާޗް މަހު އިޓަލީވިލާތުން ކޮވިޑް-19 ޖެހިގެން ގިނަ ބަޔަކު މަރުވަމުން ދިޔައީ ހޮސްޕިޓަލްތައް ފުރިގެންނާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުންނެވެ.

މިއަދު އިނގިރޭސިވިލާތުން ވަނީ އިތުރު 608 މީހުން ކޮވިޑް-19 ޖެހިގެން މަރުވެ އިތުރު 11,299 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހަށް ފަހު އިނގިރޭސިވިލާތުން އެންމެ މަދުން މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ނަމަވެސް މިއަދަކީ މެއި މަހުގެ 05 ވަނަ ދުވަހަށް ފަހު އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިނގިރޭސިވިލާތާއި އިޓަލީވިލާތުން މިއަދު ރެކޯޑް އަދަދަކަށް މީހުން މަރުވި ނަމަވެސް ކޮވިޑް-19 ހަލުވިކޮށް ފެތުރެން ފެށުމުން އެދެގައުމުގައި ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ގިނަ ސަރަހައްދުތައް ފުރަބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދެގައުމުގައި ވެސް އަންނަނީ މަދުވަމުންނެވެ. ނަމަވެސް މިހާރު އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެދާނެތީ ދެގައުމުން ވެސް މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު