އޮމާންގެ ދެކުނުގެ ބައެއް ސަރަޙައްދުތަކަށް، އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން، "ތޫފާން މެކުނު" އަރަން ފަށައިފިއެވެ.

އެގޮތުން އެޤައުމުގެ ދެކުނު އައްސޭރީގައި އޮންނަ ދޯފަރަށް އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހި ވައިގަދަވަމުންދާކަމަށް ނޫސްތަކުން ބުނެއެވެ.

މިއަދުގެ ވަގުތެއްގައި އޮމާނަށް މި ތޫފާން އަރާނެ ކަމަށް ކުރިންވެސް ލަފާކުރެވުނުއިރު، ތޫފާނުގެ އަސަރު އެޤައުމުގެ އައްސޭރީގެ ބައެއް ސަރަޙައްދުތަކަށް ދިޔައީ ކުރަމުންނެވެ. އެގޮތުން ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދިޔަ ސަލަލާހް ސިޓީއިން މިއަދު ވަނީ ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލިފައެވެ. ހަމަ އެހެންމެ ވައި ގަދަވި ވަގުތުގައި އެ ސިޓީން ކުޑަ އަންހެން ކުއްޖަކުވެސް ވަނީ މަރުވެފައެވެ.

ތޫފާން "މެކުނު"ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް، ތޫފާނުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އެޤައުމުގެ އިދާރާތަކުން އަންގާފައިވާއިރު، އިންޑިއާގެ މަނަވަރުތައް ވެސް ވަނީ އެހީއަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޤައުމުގެ ކައިރީގައި ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

ކެޓެގަރީ ދޭއްގެ މި ތޫފާން މީގެ ކުރިން ޔަމަނަށްވެސް އަރާފައިވާއިރު، އެޤައުމުގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ގެއްލިފައެވެ.

އަންނަ އަންގާރަ ދުވަހާއި ހަމައަށް މިތޫފާންގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭއިރު، ތޫފާން މެކުނުގެ ސަބަބުން އޮމާންގައި މިއަދު ވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއް ވެސް ހިނގާފައެވެ. މިއީ 1959 ވަނަ އަހަރަށް ފަހު އޮމާނަށް އަރާ އެންމެ ބާރުގަދަ ތޫފާން ކަމަށް ރިޕޯޓްތައް ބުނެއެވެ.