އަރަބި ކަނޑުގައި އުފެދުނު އާދަޔާއި ޚިލާފަށް ބާރުގަދަ ތޫފާނުގެ އަސަރުކޮށް އިންޑިއާގެ ހުޅަނގު އައްސޭރީގެ ސަރަޙައްދެއްގައި އޮންނަ އެޤައުމުގެ މަޝްހޫރު "ފްލޯޓިންގް ރެސްޓޯރެންޓް"، "އާކް ޑެކް ބަރ" އަޑިއަށް ހިނގައްޖެއެވެ.

ޚަބަރުތައް ބުނާގޮތުގައި، އިއްޔެގެ ވަގުތެއްގައި މި ހާދިސާ ހިނގީ ތޫފާން މެކުނުގެ އަސަރު އެ ސަރަޙައްދަށް ކުރަމުންދިޔަ ދަނޑިވަޅެއްގައި އާދަޔާއި ޚިލާފަށް ރާޅުބޮޑުވެގެންނެވެ.

މި ހާދިސާ ހިނގި ވަގުތު އެ ރެސްޓޯރެންޓުގައި 15 މީހުން ތިބިއިރު، ހާދިސާ ހިނގުމާއިއެކު އެފަރާތްތައް ވަނީ ރެސްކިއު އުޅަނދެއްގައި ސަލާމަތްކޮށްފައެވެ.

150 މީހުންގެ ޖާގައިގެ "އާކް ޑެކް ބަރ"އަކީ އިންޑިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ލަގްޒަރީ އުޅަނދެކެވެ. ރެސްޓޯރެންޓަކުން ލިބޭ އެންމެ މަތީ ޚިދުމަތް ގެސްޓުންނަށް ފޯރުކޮށްދޭ މި ރެސްޓޯރެންޓު އަޑިއަށްދިޔަ ހާދިސާގައި އުޅަނދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް ނޫސްތަކުން ބުނެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަން އިންޑިއާގެ އިދާރާތަކުން އެންގުމުން، ކުރިން އުޅަނދު އޮތް ސަރަޙައްދުން އެހެން ސަރަޙައްދަކަށް ގެންގޮސް އޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވަނިކޮށް ކަމަށް ވެއެވެ.

އަރަބި ކަނޑުގައި އުފެދުނު ތޫފާން މެކުނުގެ އަސަރު އިންޑިއާގެ އައްސޭރިފަށުގެ ބައެއް ހިސާބުތަކަށް ކުރަމުންދާއިރު، ބޯކޮށް ވާރޭވެހުމާއި ވައިގަދަވުންފަދަ ހާލަތުތައް ދަނީ މެދުވެރިވަމުންނެވެ. "އާކް ޑެކް ބަރ" އަޑިއަށް ދިއުމުގެ ހާދިސާ ހިނގާފައި މިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ތޫފާނުގެ ސަބަބުން އިންޑިއާއަށް ކުރާ އަސަރު ކުޑަވެގެންދާނެ ކަމަށް އެޤައުމުގެ ބައެއް އިދާރާތަކުން ލަފާކޮށްފައި ވަނިކޮށެވެ.

ތޫފާން މެކުނުގެ އަސަރު މިވަގުތު އެންމެ ބޮޑަށް ކުރަމުން ދަނި، ޔަމަނާއި އޮމާނަށެވެ. އެދެ ޤައުމަށް ތޫފާނުގެ ވިއްސާރަ ފާއިތުވެދިޔަ ދުވަސްތަކުގައި ކުރަމުންދާއިރު ގިނަ ޢަދަދެއްގެ ބަޔަކުވެސް ވަނީ ވީނުވީއެއް ނެނގި ގެއްލިފައެވެ. މި ތޫފާނުގެ އަސަރު ސައުދީ އަރަބިއްޔާގެ ބައެއް ހިސާބުތަކަށްވެސް ވަނީ ކުރަން ފަށާފައެވެ.