ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ހުރިހާ އެންމެނަށް ކޮވިޑް-19 ވެކްސިން ހިލޭ ލިބޭނެ ކަމަށް އެގައުމުން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ ސައުދީ އަރަބިއްޔާ އިން ކޮވިޑް-19 ވެކްސިން ދިނުމުގައި އެގަމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނާއި އެގައުމުގެ ރައްޔިތުންނާއި މެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.

"ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެންމެނަށް ކޮވިޑް-19 ވެކްސިން އެއްވެސް އަގެއް އެމީހުންގެ އަތުން ނެގުމެއް ނެތި ހިލޭ ލިބިގެން ދާނެ. އަޅުގަނޑުމެން އުއްމީދު ކުރަނީ އާބާދީގެ %70 އަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވެކްސިން ދެވޭނެ ކަމަށް." ހެލްތު މިނިސްޓްރީގެ ތަރުޖަމާން މުހައްމަދު އަބްދެލާލީ ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާ އަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި އެއް ގައުމެވެ. އެގައުމުން 355,741 މީހުން ކޮވިޑް-19 އަށް ފައްސިވެ 5,811 މީހުން ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވެއެވެ. ނަމަވެސް ސެޕްޓެމްބަރ މަސް ފެށުނު ފަހުން އެގައުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. މިހާރު ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ޖެހިފައި ތިބީ ވެސް 5,619 މީހުންނެވެ.

ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތައް މާލީ ގޮތުން ސައުދީ އަރަބިއްޔާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެހެން ކަމުން އެންމެ އަވަހަށް ވެކްސިން ލިބޭނެ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު