އަންހެނުންނަށް ދިމާވާ މައްސަރު ކަންތައްތަކުގައި ބޭނުންކުރާ ޕެޑް ފަދަ ތަކެތި ހިލޭ ލިބޭނެ ގޮތަށް ސްކޮޓްލެންޑްގައި ގާނޫނެއް ފާސްކޮށްފިއެވެ.

އަންހެނުންނަށް ހާއްސަ މި އުފެއްދުން ހިލޭ ލިބޭނެ ގޮތަށް ނިންމި ދުނިޔޭގެ ފުރަތަމަ ގައުމަށް ސްކޮޓްލެންޑު ވި އިރު މިގޮތަށް ވަކި ގާނޫނެއްގެ ދަށުން ފާސްކޮށް ނިންމީ މިއަދުއެވެ. މިއީ އެ ގައުމުގައި އުޅޭ އަންހެނުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މައްސަރުކަން ދިމާވުމުން ބޭނުންވާ ތަކެތި ނުގަނެވި އަދި ގޭގެ ކަންކަން ކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް ލުއެއް ދިނުމުގެ ގޮތުން ސްކޮޓްލެންޑުން މި ނިންމި ނިންމުމަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކުން ނަމޫނާއެއް ގޮތުގައި ބަލަންޖެހޭ ކަމެއް ކަމަށް އެތައް ބަޔަކު ބުނަމުން ދެއެވެ.

ސްކޮޓްލެންޑުގެ ގާނޫނު ހަދާ މަޖިލީހަށް މިފަދަ ބިލެއް ވައްދާފައި ވަނީ 2016 ވަނަ އަހަރު ލޭބާ ހެލްތުގެ ތަރުޖަމާނަކަށް ސަރުކާރާއި އިދިކޮޅު ގިނަ ޕާޓީތަކުގެ ތަރުހީބާއި އެކު އިންތިހާބުވި މަޖިލިސް މެމްބަރެއް ކަމުގައިވާ މޮނިކާ ލެނޮންއެވެ. މަޖިލީހުގައި ވާހަކަ ދައްކަމުން ލެނޮން ބުނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މައްސަރުކަންތައް ދިމާވުން ނުހުއްޓޭ ކަމަށާއި ޓެމްޕޮންސް، ޕެޑްސް ފަދަ ތަކެތި ބޭނުންވާ ފަރާތްތަކަށް ލިބޭނެ ގޮތް ހެދުން މުހިންމު ކަމަށެވެ.

މަޖިލީހުގައި ލެނޮން ދެއްކި ވާހަކައިގައި އޭނާ ބުނީ މިހިސާބަށް އާދެވުނީ ގުޅިގެން ކުރެވުނު މަސައްކަތުގެ ސަބަބުން ކަމަށާއި އަދި މަޖިލީހުން ބޭނުންވާ ކޮންމެ ކަމެއްވެސް ކޮށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށެވެ.

މިއަދު ސްކޮޓްލެންޑުގެ ހުރިހާ އަންހެނަކަށް ސެނިޓަރީ ޕްރޮޑަކްޓުތައް ހިލޭ ލިބޭނެ ގޮތަށް ބިލެއް ފާސްކުރެވިގެން ދިޔައިރު މީގެ ދެ އަހަރު ކުރިން އެ ގައުމުގައި ވަނީ ސްކޫލް، ކޮލެޖް އަދި ޔުނިވަސިޓީގެ ދަރިވަރުންނަށް ހިލޭ ސެނިޓަރީ ޕްރޮޑަކްޓު ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ބާއްވާ ތާރީހުގެ ސަފުހާތަކުން ޖާގަ ހޯދައިފައެވެ. އަދި ވޭލްސް އާއި އިނގިރޭސިވިލާތުން ވެސް ފާއިތުވި އަހަރު މިފަދަ ޕްރޮގްރާމެއް ހިންގައި ސްކޫލް ދަރިވަރުންނަށް ސެނިޓަރީ ޕްރޮޑަކްޓުތައް ވަނީ ބަހައިފައެވެ.

ޕްލޭން އިންޓަނޭޝަނަލް ޔޫކޭ އިން ހެދި ދިރާސާއެއް ދައްކާ ގޮތުގައި 14 އަހަރާއި 21 އަހަރާއި ދެމެދުގެ ކުދީންގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދީންނަކީ ޒަރޫރީ ބޭނުމަށް މިފަދަ އުފެއްދުންތައް ނުލިބޭ ކުދީންނެވެ. ޔޫކޭ ގައި ފުރަތަމަ ކުރި ފުރަބަންދާ ގުޅިގެން ސްކޫލްތައް ބަންދުކުރުމުގެ ސަބަބުންވެސް ގިނަ ކުދީންނަށް ސެނިޓަރީ ޕެޑް ލިބުން ދަތިވި ކަމަށް އެ ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.

އަދިވެސް މިފަދަ އިތުރު ކަންކަން ހުރިކަން ފާހަގަކޮށް ލެނޮން ވަނީ މަޖިލީހުގެ މެމްބަރުންނާއި އެކު އެފަދަ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    އެކަމަކު މިޤައުމަށް އަންނަ ސަރުކާރުތަކުންދަނީ ނިކަމެތި ރައްޔިތުން ނިކަމެތި ކުރަމުން މުއްސަނދިން މުއަސަނދި ކުރަމުން ، މިޤައުމުގައި އޮންނަ މަޖިލިހުގެ ޚިޔާލަށްވެސް ނައަންނާނެ މިކަހަލަ ކަމެއް ކުރަން ވިސްނުންމުޅިންވެސް ހުންނާނީ ރައްޔިތުން އަތުން ނެގުނުގޮތަކަށް ނަގައި ހުސްކުރުން .