ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހަށް ފަރުވާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރަޝިއާ އިން އުފެއްދި ވެކްސިނުގެ 95 އިންސައްތަ ކާމިޔާބު ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

އެ ގައުމުގެ ގާނޫނޫ ހަދާ މަޖިލީހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މިހާރު ރަޝިއާ އިން އުފައްދަމުން އަންނަ ވެކްސިނުގެ 95 އިންސައްތަ ކާމިޔާބު ވާނެ ކަމަށް "ދަ ގާޑިއަން" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ރަޝިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮކްސްފޯޑުން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ވެކްސިނަށްވުރެ ވެސް މި ވެކްސިން ކާމިޔާބުވާނެއެވެ. ރަޝިއާގެ ކުރިއަރާފައިވާ ޓެކްނޯލޮޖީ އާއެކު އުފެއްދި މި ވެކްސިން އެމެރިކާގެ ސައިންޓިސްޓުން ތަހުލީލުކުރުމަށް ދިނުމަށް ވަނީ ނިންމައިފައެވެ.

މި ވެކްސިން އެމެރިކާ އާއި ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދަކީ އެމެރިކާގައި އުފައްދަމުން އަންނަ ވެކްސިން ވެސް ރަޝިއާ އިން އުފެއްދި ވެކްސިނާއި އެއްވަރަށް ކާމިޔާބުކުރުން ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ރަޝިއަން ޑައިރެކްޓް އިންވެސްޓުމެންޓު ފަންޑުން ހާމަކޮށްފައިވާ ގޮތުގައި މި ވެކްސިނުގެ އަސަރު ކުރާނެެ މިންވަރު 95 އިންސައްތައަށްވުރެ އިތުރެވެ. އަދި މިއީ މުޅި ދުނިޔެއަށްވެސް އުފާވެރި ހަބަރެއް ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ގާނޫނު ހަދާ މަޖިލީހުން ވަނީ މިއީ ކޮވިޑް-19 އާއި ދެކޮޅަށް ކުރިއަށް ގެންދެވޭ ވަރުގަދަ މުބާރާތެއްކަން ފާހަގަކޮށް މި ވެކްސިނަކީ މުޅި ދުނިޔެއިން މި ބަލި ފިލުވާލުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް ހާމަކޮށްފައެވެ.

ރަޝިއާއިން މި ވެކްސިނާ ގުޅިގެން އާންމު ކުރަމުން އަންނަ މައުލޫމާތުތަކުގެ ސައްހަ ކަމާއި މެދު ގިނަ ފަރާތްތަކަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި މި ވެކްސިނުގެ ތިންވަނަ ސްޓޭޖު ނުނިންމައި ރަޝިއާއިން ދައްކަމުން އަންނަ ވާހަކަތައް ގަބޫލު ނުކުރެވޭނެ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

ރަޝިއާގެ އިތުރުން އިންޑިއާ، ޗައިނާ، އަދި އެމެރިކާ އިންވެސް އަންނަނީ މި ބައްޔަށް ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު