ނިއުޒިލޭންޑުގެ ރަށެއް ކަމަށްވާ ޗާޓަަމް އައިލެންޑުގެ ގޮނޑުދޮށަށް 97 ބޮޑުމަހާއި ތިން ކޯމަސް މަރުވެގެން ލައްގައިފިއެވެ.

އާދީއްތަ ދުވަހު ގޮނޑުދޮށަށް ލައްގާފައިވާ މި މަސްތައް ސަލާމަތްކޮށް އަނބުރާ މޫދަށް ފޮނުވާލުމުގެ މަސައްކަތް އެ ރަށުގައި ދިރިއުޅޭ މީހުން ކޮށްފައިވާ ކަމަށް ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވެއެވެ.

ނިއުޒިލޭންޑުގެ ޑިޕާޓްމަންޓް އޮފް ކޮންޒަވޭޝަން (ޑީއޯސީ)އިން ބުނެފައިވަނީ 97 ބޮޑުމަހާއި 3 ކޯމަސް މަރުވެފައިވާ ކަމަށެވެ. އަދި މިދިޔަ އާދީއްތަ ދުވަހު އެ އެއްޗެހި ގޮނޑުދޮށަށް ލައްގާފައިވާ ކަމުގެ ރިޕޯޓްތައް ވެސް ލިބިފައިވާ ކަމަށެވެ.

ޑީއޯސީގެ ބަޔޯޑައިވަސިޓީ ރޭންޖަރ ޖެމާ ވެލްޗް ބުނެފައިވަނީ ޗާޓަމް އައިލެންޑަކީ ތަރައްގީނުވާ ކުޑަ ރަށަކަށް ވާތީ އެ މީހުންނާއި މުވާސަލާތީ ވަސީލަތްތައް ބޭނުން ކޮށްގެން މުވާސަލާތު ކުރުމަކީ އުދަނގޫ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އެ ސަރަހައްދަށް ރޭންޖާސްއިންނަށް ދެވިފައިވަނީ ވަރަށް ލަހުން ކަމަށް ބުނެފައި ވެއެވެ.

ރޭންޖާސްއިންނަށް އެ ސަރަހައްދަށް ދެވުނު ސަލާމަތުން އޮތީ 26 ބޮޑުމަހެވެ. ދެން ހުރި ބޮޑުމަސްތަކާއި ކޯމަސްތައް ވަނީ ވަރަށް ބަލިކަށިވެފައެވެ.

ޖެމާ ވެލްޗް ބުނެފައިވަނީ އެ އެއްޗެހި އެއްގަމަށް ލައްގާފައި އެވަނީ ކަނޑު ގަދަވުމުގެ ސަބަބުންނާއި އެ ސަރަހައްދުގައި އުޅޭ ''ވައިޓް ޝާކް''އެއްގެ ސަބަބުންނެވެ.

600 މީހުންގެ އާބާދީއެއް އޮންނަ ޗާޓަމް އައިލެންޑަކީ ނިއުޒިލޭންޑުގައި ބޮޑުމަސް އެއްގަމަށް ލައްގާ އެންމެ މައި ސަރަހައްދެވެ. 1918 ވަނަ އަހަރު އެ ރަށުގެ ގޮނޑުދޮށަށް ރިކޯޑް އަދަދަކަށް ބޮޑުމަސް ލައްގާފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ޑީއޯސީއިން ބުނާގޮތުގައި ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 300 ވަރަކަށް ބޮޑުމަހާއި ކޯމަސް ނިއުޒިލޭންޑުގެ ގޮނޑުދޮށްތަކަށް ލައްގައެވެ.