ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ފައްޅިތަކާއި މިސްކިތްތަކުގައި އަޅުކަންކުރަން ހުރަސް ނޭޅޭނެކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިޙުކުމް ކުރީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ނިއުޔޯކްގައި އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް އަމިއްލަ ޖަމާޢަތަކުން ކޯޓަށް ހުށަހެޅި މައްސަލައެއްގައެވެ. މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެމެރިކާގައި ފާހަގަކުރާ "ތޭންކްސް ގިވިން" އާއި ގުޅިގެން ފައްޅިތަކަށް މީހުން ދިއުން އިތުރުވެދާނެތީ ގަވަރުނަރު އެންޑްރޫ ކޫމޯ އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެންނެވެ. ކޫމޯ ނިންމާފައި ވަނީ އެއްވެސް ދީނެއްގެ އަޅުކަން ކުރާތަނަށް ވަދެވޭނީ އެތަނެއްގެ ޖާގައިގެ %25 މީހުންނަށް ކަމަށެވެ.

މައްސަލަ ހުށަހެޅި ޖަމިއްޔާ އިން ބުނެފައި ވަނީ ޤާނޫނު އަސާސީ އިން އެމެރިކާ ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ބޭނުން ދީނަކަށް އުޅުމުގެ ޙައްޤާއި އަޅުކަން ކުރުމުގެ ޙައްޤަށް ނިއުޔޯކްގެ ގަވަރުނަރު އަރައިގެންފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގައި ވިދާޅުވެފައި ވަނީ ހަމައެކަނި އަޅުކަން ކުރާ ތަންތަނުގައި ވަކި އުސޫލެއް އޮންނަ ގޮތައް އުސޫލުތައް އާއްމު ނުކުރެވޭނެ ކަމަށެވެ. މީހުން ވަދެނިކުމެވާ އެހެން ތަންތަނުގައި އަޅާފައިނެތް ފިޔަވަޅެއް ޗާޗްތަކާއި މިސްކިތްތަކުގައި އެޅުމުގެ ޙައްޤު ކަމާބެހޭ އިދާރާތަކަށްނޯންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.

"ގައުމު މިއޮތީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށް އަޅުގަނޑުމެން އެއްބަސްވަމެވެ. ނަމަވެސް ބަލިމަޑުކަމެއްގެ ތެރޭގައި ގައުމު އޮތުން އެއީ ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކަށް އަރައިގަތުމަށް އޮތް ހުއްޖަތެއް ނޫނެވެ." ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.

އަޅުކަން ކުރާތަންތަނަށް ގިނަ މީހުންނަށް ނުވަދެވޭ ގޮތައް އޮތް އުސޫލާއި އެއްކޮޅަށް އެމެރިކާ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ރައުޔު ނެރުނެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން ފުރަބަންދާއި ދެކޮޅު މިފަދަ ޙުކުމެއް ކޮށްފައި ވާއިރު އެމެރިކާ ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު މިހާރު އޮތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފިކުރަށް ތާއިދުކުރާ ފަނޑިޔާރުންނަށެވެ. ޓްރަމްޕް ވެސް ގެންދަނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ވަރަށް ފާޅުގައި ދެކޮޅު ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަކަރު

    މަކަރޭ ދޯ . ހުރިހާ މުސްލިމުންނަށް ކޮވިޑު ޖައްސާ މަރަންވެގެން .

    1
    9
  2. ސުޢޫދު

    އަޅުގަނޑުމެން ނަށްވެސް މިއޮތީ ޤާނޫނުއަސާސީން އަޅުގަނޑުމެނަށް ދީފައިވާ އެތަކެއް ޙައްޤެއް ނިގުޅައިގެންފަ، ކޯޓަށް ދާންވީދޯ؟ ގެއްލުމުގެ ބަދަމުވެސް ލިބެންޖެހޭނެ.

  3. ޤައުމު

    މިޤައުމުގާ ހުރިހާތަނެއް ހުޅުވިއިރުވެސް މިސްކިތްތައް ހުރީ ބަންދުކޮއްފާ އަދި އޮޅިގެން މީހަކައް މިސްކިތައް އަރާނަމާދު ކުރިކަން އެނގުނަސް ދަމާގެންގޮސް ޖޫރިމަނާ ކޮށް ހައްޔަރު!
    މީ ނަމުން %100 މުސްލިމް.

    4
    1