ޗައިނާގެ ސިނޮފާމް އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އާއްމުކޮށް މީހުން ބޭނުން ކުރުމުގެ ލައިސަންސް ހޯދަން ޗައިނާގެ ރަސްމީ އިދާރާއަށް ލިޔުންތައް ހުށަހަޅައިފި ކަމަށް ޗައިނާގެ "ޒިންހުއާ" ނޫސް އެޖެންސީ އިން ބުނެފިއެވެ.

"ޒިންހުއާ" އަށް މައުލޫމާތު ދެމުން ސިނޮފާމްގެ ވައިސް ޖެނެރަލް މެނޭޖަރު ޝީ ޝެންޔީ މިއަދު ވިދާޅުވީ އެކުންފުނިން ކޮވިޑް-19 އަށް އުފެއްދި އެއް ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދައަށް އެދި ނޭޝަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެއިދާރާ އިން ހުއްދަ ދިނުމާއި އެކު މި ވެކްސިން އާއްމުކޮށް ބޭނުން ކުރަން ފަށާނެއެވެ.

ވެކްސިން އާއްމުކޮށް ބޭނުންކުރަން ހުއްދަ ދިނުމަށް ކިހައި ދުވަހެއް ނަގާނެކަން ޗައިނާ އިން މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޗައިނާގެ މީޑިއާތަކާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށް ލަފާކުރެވެއެވެ.

ޗައިނާގެ ނޭޝަނަލް ބައޯޓެކް ގްރޫޕް (ސީއެންބީޖީ)ގެ ސަޕްސިޑަރީއެއް ކަމަށްވާ ސިނޮފާމް އިން ވަނީ ކޮވިޑް-19 އަށް ދެވެކްސިނެއް އުފައްދާފައެވެ. އެދެވެކްސިން ވެސް އެމަޖެންސީ ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޖުލައި މަހު ދީފައެވެ. މިހާތަނަށް މިލިއަނެއްގައި މީހުންނަށް ސިނޮވެކްގެ ވެކްސިންތައް ދިންއިރު ވެކްސިން ދިން އެއްވެސް މީހަކަށް ސީރިއަސް ސިއްހީ މައްސަލައެއް ކުރިމައްޗެއް ނުވެއެވެ.

ސިނޮވެކް އިން އުފެއްދި އެއް ވެކްސިން މިހާރު ވަނީ ދިހަ ގައުމެއްގެ 60000 މީހުންނަށް ދީފައެވެ. އޭގެތެރެއިން 40000 މީހުންގެ ޓެސްޓްތައް ވަނީ ވެކްސިން ދިންތާ 14 ދުވަސް ފަހުން ހަދާފައެވެ. އެޓެސްޓްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ސިނޮވެކް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކި ގައުމުތަކަށް ދަތުރުކުރުމުގެ ކުރިން ޗައިނާގެ އެއްލައްކަ ދަރިވަރުންނަށް ވަނީ ސިނޮވެކްގެ ކޮވިޑް-19 ވެކްސިން ޖަހާފައެވެ. އެއިން އެއްވެސް ކުއްޖަކަށް ކޮވިޑް-19 ޖެހިފައެއް ނުވެއެވެ.

ސިނޮވެކް އިން ވަނީ މިއަހަރު 100 މިލިއަން ޑޯޒްގެ ވެކްސިން އާއްމުންނަށް ފޯރުކޮށްދިނުމުގެ ގާބިލްކަން ކުންފުނީގައި އެބަހުރި ކަމަށާއި އަދި އަންނަ އަހަރު އެއްބިލިއަން ޑޯޒްގެ ވެކްސިން އާއްމުންނަށް ފޯރުކޮށްދިނުމުގެ ގާބިލްކަން އެބަހުރި ކަމަށް މިމަހުގެ ކުރީކޮޅު ބުނެފައެވެ.