ކޮވިޑް-19ގެ ވެކްސިން މާކެޓަށް ނެރޭއިރަށް، ސްރީލަންކާއިން ފުރަތަމަ ބުރުގައި 4.2 މިލިއަން މީހުންނަށް ވެކްސިން ދޭނެކަަން އެ ގައުމުގެ ހެލްތް މިނިސްޓަރ ވިތްރާ ދޭވީ ވަންނިއަރައްޗި އިއްޔެ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަންގައިފިއެވެ.

މިނިސްޓަރ ވިދާޅުވީ، ފުރަތަމަ ބުރުގައި ލަންކާގެ އާބާދީގެ 20 އިންސައްތައަށް ވެކްސިން ދޭނެ ކަމށެވެ.

އެ ގައުމުގައިވެސް ކޮވިޑް-19 ވެކްސިންގެ ކަންކަން ބެލުމަށް ހާއްސަ ގައުމީ ކޮމެޓީއެއް ވަނީ އުފައްދާފައެވެ. އަދިވެސް ގިނަ ވެކްސިންތައް ހުރީ ޓެސްޓު މަރުހަލާގައެވެ. އަދި މިހާތަނަށް އެއްވެސް ވެކްސިންއެއް ނެރޭނެ ސީދާ ތާރީހެއް އިއުލާނުކޮށްފައެއް ނުވެއެވެ.

މިނިސްޓަރ ވިދާޅުވީ، ފުރަތަމަ ވެކްސިން ދޭނެ ހާއްސަ ކެޓެގަރީ ކަނޑައެޅުމަށާއި، އަގުގެ ކަންކަމާއި، ބޭނުން ކުރާނެ ގޮތްތަކާއި އެއްޗެހި ބެލުމަށް ޓެކްނިކަލް ސަބް ކޮމެޓީތަކެއް އެކުލަވާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށިފަަހުން އޭގެ ވެކްސިންގެ ކަންކަމާއި ގުޅޭގޮތުން އެކި ގައުމުތަކުން ދަނީ މަޝްވަރާތަކެއް ކުރަމުންނެވެ.

ލަންކާގައި ކޮވިޑް-19 ކޮންޓްރޯލްވެފައިވަނިކޮށް އެ ގައުމުގައި އަނެއްކާވެސް ހަލުވިކަމާއެކު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. އެ ގައުމުގައި ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރުވެރިކަން އެބަ އޮތެވެ.

އެ ގައުމުގައި ކުއްލިއަކަށް ބަލި ފެތުރެން ފަށައި، މިހާރު ފައްސިވާ މީހުންގެ އަދަދު ވަނީ 20،000 އަށްވުރެ މައްޗަށް އަރާފައެވެ.

ބައިނަލްއަގްވާމީ ތަފާސްހިސާބުތައް ދައްކާގޮތުން ލަންކާއިން އިއްޔެ އާ ހަމައަށް 22,028 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އަދި 99 މީހަކު އެ ބަލީގައި ވަނީ މަރުވެފައެވެ.