ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހު އެމެރިކާގައި ކޮވިޑް-19 ވެކްސިން އާއްމުކޮށް ދޭން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ. މިގޮތުން އެމެރިކާގެ ފައިޒާ އާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ބެޗް ބްރަސެލްސް އިން އެމެރިކާ އަށް މިހަފްތާގައި ވަނީ ގެންގޮސްފައެވެ.

އެމެރިކާއަށް ފައިޒާގެ ވެކްސިން ގެންދިޔައީ ފައިޒާގެ ވެކްސިނަކީ -70 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނުގައި ބަހައްޓަން ޖެހޭ ވެކްސިނަކަށް ވާތީ އެކަމަށް ތައްޔާރު ކުރެވިފައިވާ ކާގޯ ފްލައިޓްތަކެއްގައެވެ. މިކާގޯ ފްލައިޓްތަކަކީ ވެކްސިން އުފުލުމުގެ އިންތިޒާމްތައް ހުރީ ރަނގަޅަށްތޯ ބަލައި އެފްޑީއޭ އިން ވެކްސިން އުފުލުމުގެ ހުއްދަ ދީފައިވާ ފްލައިޓްތަކެކެވެ.

ފައިޒާ އިން މިހާރު ވަނީ ވެކްސިން އެމެރިކާގެ އެކި ސަރަހައްދުތަކަށް ގެންދިއުމަށް ވަރަށް ގިނަ ފްލައިޓްތަކާއި ޓްރަކްތައް ޗާޓަރު ކޮށްފައެވެ.

ފައިޒާގެ ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ އަށް އެދި އެމެރިކާގެ އެފްޑީއޭ އަށް ހުށަހެޅީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެމެރިކާގެ އެފްޑީއޭ އިން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށް ބެލެވެނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު އެވެ. ވެކްސިން ބޭނުން ކުރަން ހުއްދަދޭތާ 24 ގަޑިއިރުގެ ތެރޭގައި ވެކްސިން އާއްމުކޮށް ދޭން ފަށަން އެމެރިކާ އިން އަންނަނީ ތައްޔާރުވަމުންނެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ވެކްސިން އާއްމުކޮށް ޖަހަން ފަށާއިރު ވެސް ވެކްސިންގެ 4.1 މިލިއަން ޑޯޒް އެމެރިކާގައި ހުންނާނެއެވެ. އެމެރިކާގައި ވެސް އެންމެ ފުރަތަމަ ވެކްސިން ޖަހާނެ އެއްބަޔަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނެވެ. އެމެރިކާގެ ސިއްހީ ދާއިރާގައި އެކަނިވެސް ވެކްސިން ޖަހަން ޖެހޭ 20 މިލިއަން މުވައްޒަފުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު