އިންޑިއާގެ ކެރެލާގެ އިތުރުން އެހެން ބައެއް ސަރަހައްދުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުކުރައްކާތެރި ނިޕާ ވައިރަސް ފެތުރެމުން ދަނީ ވާލުގެ ސަބަބުން ނޫން ކަމަށް ތަހުލީލުތަކުން ދައްކައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި ބޯޕާލްގައި ހުންނަ ހައި ސެކިއުރިޓީ އެނިމަލް ޑިޒީސެސް ލެބޯރަޓޮރީ އަށް ފޮނުވި ވާލާއި އޫރުގެ 21 ސާމްޕަލް ވެސް ވަނީ ވައިރަސްއަށް ނެގަޓިވް ވެފައެވެ. އެ ސާމްޕަލްތަކުގެ ތެރޭގައި ނިޕާ ވައިރަސް ޖެހިގެން މަރުވި މީހަކު ދިރިއުޅުނު ގެއިން ފެނުނު ވާލުން ނެގި ސާމްޕަލް ވެސް ހިމެނެއެވެ. އެހެން ނަމަވެސް ޓެސްޓުތައް ނެގަޓިވް ވުމުން އޮފިޝަލުން މިހާރު ބުނަމުން ދަނީ ވައިރަސް ފެތުރުމުގެ މައިގަނޑު ސަބަބަކީ ވާލު ނޫން ކަމަށެވެ.

މީގެ އިތުރުން މީގެ ހަފްތާއެއް ކުރިން އިންޑިއާގެ ސެންޓްރަލް އެނިމަލް ހަސްބެންޑަރީގެ ކޮމިޝަނަރު އެކުލަވާލި ހާއްސަ ޓީމުން ނިޕާ ވައިރަސް ޖެހުނު މީހުން ދިރިއުޅުނު ސަރަހައްދުގެ ޖަނަވާރުތައް ޓެސްޓު ކުރި އިރު އެ ވައިރަސްގެ އަސަރު އެ ޖަނަވާރުތަކަށް ކޮށްފައި ނުވާ ކަމަށް ވަނީ ދައްކާފައެވެ.

ނިޕާ ވައިރަސް އަކީ މައިގަނޑު ގޮތެއްގައި ވާލުގެ ޒަރީއާއިން ފެތުރޭ އެއްޗެއް ނޫން ކަމަށް ތަހުލީލުތަކުން ދައްކާފައިވާއިރު ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާ ރާއްޖޭގައި އުޅޭތީ، އެބަލި ރާއްޖެއަށްވެސް އައުމުގެ ފުރުޞަތު އެބަ އޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ފަހުން ވަނީ ބުނެފައެވެ.

ނިޕާ ވައިރަސް އަކީ އެ ވައިރަސް ހުންނަ މީހުންގެ ގައިން އެހެން މީހުންގެ ގަޔަށް އަރާ ވައިރަސްއެކެވެ. އަދި ވާ ކައިފައި ހުންނަ އެއްޗެހި ކެޔުމުންނާއި ވާ ކުޑަކަމުގޮސްފައި ހުންނަ މޭވާ ފަދަ ތަކެތި ކެޔުމުންވެސް މިބަލިޖެހޭ ކަމަށް ވެެއެވެ. މިވައިރަސް ޖެހުމުގެ ސަބަބުން ސިކުޑީގެ ޓިޝޫތައް ދުޅަވެ، ބައެއް ހާލަތުގައި މީހާ ކޯމާއަކަށްވެސް ދެއެވެ. މިބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެއެވެ.

މިވައިރަސް އިންޑިޔާގެ ކެރެލާގައި ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ 12 މީހުން މި ވައިރަސް ޖެހިގެން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑީ

    ވާ ގެންގުޅޭ ދައިތަ އޭރުވެސް ބުނިއެއްނު ތިހެން . ހައްހައްހައް.

  2. ޙުސެން

    އެޗް ޕީއޭ ލައިޑް ޓު އަސް. ވައި؟ މައިމޫނާ އިސްތިއުފާ ދެއްވާ ގެއަށް ވަޑައިގެންނަވާ؟