އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން އޭނާ ގެންގުޅޭ ކުއްތާތަކާއި އެކު ކުޅެ ކުއްތާތައް މައްލަވަ ކުރަން އުޅެނިކޮށް ފަޔަށް އަނިޔާވެ ފައިގައި ރެނދުލައިފިއެވެ.

ބައިޑެންގެ ތަރުޖަމާން މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވީ ބައިޑެންގެ ކަނާތު ފައިގައި ރެނދުލާފައި ވަނީ ކުއްތާތަކާއި އެކު ކުޅެން އުޅެނިކޮށް ކައްސާލައިގެން ވެއްޓުމުގެ ސަބަބުންނެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ބައިޑެން އަށް ނުވާކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

"އެކްސްރޭ އިން އެއްވެސް ރެނދެއްގެ ނިޝާނެއް ނުފެނޭ. ނަމަވެސް ސިއްހީ އެހީތެރިގެން އެދިވަޑައިގަތުމަށް ސީޓީ ސްކޭނެއް ހެދުމުން ފައިތިލައިގެ މެދުގައި ވަރަށް ކުޑަ ދެރެނދެއް ލާފައިވާ ކަމަށް ދައްކާ." ތަރުޖަމާން ވިދާޅުވިއެވެ.

ތަރުޖަމާން ވިދާޅުވީ ބައިޑެންގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ދުވަސްތަކެއް ވަންދެން ބޫޓަށް އަރުއްވައިގެން އުޅުއްވަން ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށެވެ.

ބައިޑެން މިހާރު ވެސް ހިންގަވަން އަސައެއް ފަދަ އެއްވެސް އެއްޗެއްގެ ބޭނުން ކުރައްވަން ނުޖެހޭ ކަމަށާއި ފައިގައި ކުޑަކޮށް ރިހުން ހުރުން ފިޔަވައި އިތުރު މައްސަލައެއް ނެތް ކަމަށް ތަރުޖަމާން ވިދާޅުވެއެވެ.

ބައިޑެން އަންނަ ޖަނަވަރީ މަހު އެމެރިކާގެ ވެރިކަމާއި ހަވާލުވާއިރު އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ބައިޑެންގެ ސިއްހަތެވެ. އުމުރުން 78 އަހަރުގެ ބައިޑެން ވެގެން ދާނީ އެމެރިކާގެ ތާރީޚްގައި ވެސް ވެރިކަމާއި ހަވާލުވާ އުމުރުން އެންމެ ދޮށި ރައީސަށެވެ.

ނަމަވެސް ބައިޑެންގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ކޮލެސްޓްރޯލް ލެވަލް މަތިވުން ފިޔަވައި ބައިޑެން އަށް އިތުރު އެއްވެސް ސިއްހީ މައްސަލައެއް ކުރިމައްޗެއް ނުވެއެވެ. ބައިޑެން އަކީ ރައީސް ކަމުގެ ޒިންމާ އަދާކުރެވޭ ވަރަށް ސިއްހީ ހާލަތު ރަނގަޅު ބޭފުޅެއް ކަމަށް އޭނާގެ ޑޮކްޓަރު ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަރީ

    ޙެސްކިޔާފަ މުސްކުޅިވީމަވެސް ހޭބަލިބެގެން އުޅާންޏާވާނީ އެހެން

  2. ޙައްހައްހައް

    އަލްހަމްދުލިﷲ