ނައިޖީރިއާގެ އަވަށަކަށް ހަނގުރާމަވެރިންތަކެއް އަރައި ހިންގި ގަތުލްއާމެއްގައި މަދުވެގެން 110 މީހުން މަރާލާފައިވާ ކަމަށް އދ.އިން ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިގަތުލްއާއްމު ހިންގާފައި ވަނީ އެކަހެރި އަވަށެއް ކަމަށްވާ ކޮށޯބީގައި މިދިޔަ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

ނައިޖީރިއާ އަށް ކަނޑައަޅާފައި ހުންނަވާ އދ.ގެ ހިއުމެނިޓޭރިއަން ކޯޑިނޭޑަރު އެޑްވާޑް ކޮލަން ނެރުއްވި ބަޔާނެއްގައި ބުނީ ގަތުލްއާއްމުގައި މަރާލާފައި ވަނީ ދަނޑުހައްދަން ތިބި މީހުން ކަމަށެވެ. "މޮޓޯސައިކަލްތަކެއްގައި އައި ބަޔަކު ވަނީ އަންހެނުންނައި ފިރިހެނުން ދަނޑު ހެއްދުމުގެ މަސައްކަތް ކުރަން ތިއްބާ އެމީހުންނަށް ހަމަލާދީ އެތައް ބަޔަކު ަމރާފައި." އެޑްވާޑްގެ ބަޔާނުގައި ވިދާޅުވިއެވެ.

އދ.އިން ބުނާ ގޮތުގައި މިއީ މިއަހަރު ދުނިޔޭގައި ހިންގި އެންމެ ބޮޑު ގަތުލްއާއްމެވެ. އެޑްވާޑް ވަނީ އެތައް އާއްމުންނެއް މަރާލި މައްސަލައަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ ދީފައި ވަނީ ބޮކޯ ހަރާމް ޖަމާޢަތުން ނުވަތަ އެފްރިކާގެ ހުޅަނގުގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތުން ކަމަށް ބެލެވެއެވެ. މިދެޖަމާޢަތުން އެފްރިކާ ބައްރުގައި ހިންގާފައިވާ މިފަދަ ގަތުލްއާއްމުތަކުގައި މަރުވި މީހުންގެ އަދަދު 30000 އަށްވުރެ ގިނައެވެ. ނައިޖީރިއާގެ އިތުރުން ނައިގަރު އާއި ޗާޑް އަދި ކެމަރޫންގައި ވެސް މިޖަމާޢަތްތަކުން މިފަދަ ގަތުލްއާއްމުތައް ހިންގާފައި ވެއެވެ.

ނައިޖީރިއާގެ ވެރިކަމާއި 2015 ވަނަ އަހަރު ހަވާލުވި މުހައްމަދު ބުހާރީ ވެރިކަމަށް ވަޑައިގެންނެވީ ވެސް އެގައުމުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ވައުދާއި އެކުގައެވެ. ނަމަވެސް އޭނާ އަށް ވެސް ހަނގުރާމަވެރި ޖަމާޢަތްތަކުގެ ބާރު ކަނޑުވާލެވޭ ގޮތެއް އަދި ނުވެއެވެ.

މިހާރު ނައިޖީރިއާ ސަރުކާރުން ވަނީ ގަތުލްއާއްމު ހިންގި ސަރަހައްދަށް އިތުރު ސިފައިންނާއި ފުލުހުން ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާނިވާއިން

    ސީރިޔާއިންނާ އިރާގުންނާ އަފުގާނިސްތާނުންވެސް އެވެރިން ބޮންއަޅައިގެން ހާދަބަޔަކު މަރައިފިއޭ

    6
    1
  2. .....

    ތި ބުނި ތަންތަނުގައި ބޮން އަޅައިގެންނާއި އެހެންވެސް ގޮތްގޮތުން މީހުންމެރުމާއި އަނިޔާތައް ދިނުން އެއީ ކުއްވެރި ކުރާ ކަމެއް...ހަމަ އެއާއި އެކު ބުނެލަން އޮތީ އެހެނޭ ކިތާފަ މިފަދަ ގޮތަކަށް ހަމަލާތައްދީ މީހުން މެރުންވެސް އެއީ މައްސަލަ އެކޭ...ދީނުގެ ނަމުގަވެސް މިގޮތަށް ކަންކުރެވެން އޮތް ދަލީލެއް އަދި މަށެއް ނުދެކެން.. ފެނިފަ އޮތީ އަދި ހަނގުރާމާގަވެސް އަންހެނުންނާއި މުސްކުޅިން އަދި ކުޑަކުދިންނާއި ހަނގުރާމައިގަ ބައިވެރިނުވާ މީހުން ނުމެރުމަށް އައިސްފަ ހުރި އިރުޝާދުތައް...އައި އެސް އައި އެސް ގެ ކިބައިން އިރާގާއި ސީރިއާއިން ފެނިގެން ދިޔަ ކަންކަމުން ދޭހަވަނީ ހަވާރިޖް ކަން...އަހަރެންވެސް ޔަގީންކުރަން ދީނަށްޓަކައި ހަނގުރާމަ ކުރާ ބަޔަކު ގިޔާމަތާ ޖެހެންދެން ވާނެކަން...އެކަމަކު އެނގޭ އެއްޗަކީ އެބަޔަކީ އިންސާނިއްޔަތަށް ހުރި ނުރައްކަލަކަށް ވެގެން ނުދާނެކަން..އެބައެއްގެ ކިބައިގަ ވާނީ މާތް ހުލްގެއްކަން...ކަންކަމުގައި އަވަސްވެ ނުގަންނާނެކަމާއި ގަދަބާރު އިސްނުކުރާނެކަން އެއީ ޔަގީން ކަމެއް

    3
    1
  3. Anonymous

    އދ.އިން ބުނާ ގޮތުގައި މިއީ މިއަހަރު ދުނިޔޭގައި ހިންގި އެންމެ ބޮޑު ގަތުލްއާއްމެވެ.

    ކޮސް ވާހަކަ
    ކޮބާ ސޫރިޔާ ގެ ގަތލުއާއްމުތއް