ކޮވިޑް-19 ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އިއުލާނު ކޮށްފައިވާ ފުރަބަންދުގެ ސަބަބުން އިނގިރޭސިވިލާތުގައި ބަލި ޖެހުނު މިންވަރު 30 އިންސައްތަ ދަށްވެއްޖެ ކަމަށް އެގައުމުން ބުނެފިއެވެ.

އެގައުމުގެ އިމްޕީރިއަލް ކޮލެޖް ލަންޑަން އެންޑް އިޕްސޮސް މޮރީ އިން ހަދާފައިވާ ދިރާސާއަކުން ބުނެފައިވަނީ ބަލި ޖެހޭ މީހުންގެ އިންސައްތަ އެހާ ދަށްވެފައިވަނީ ދެވަނައަށް އިއުލާނު ކުރި ފުރަބަންދުގެ ސަބަބުން ކަމަށެވެ. މި ދިރާސާ ހެދުމަށް އެފަރާތުން ވަނީ މުޖުތަމައު ތެރޭގައި ބަލި ފެތުރޭ މިންވަރު ބަލާފައެވެ.

އެގޮތުން ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހާއި ހަމައަށް ގޭގެއިން ނަގާފައިވާ ކޮވިޑް-19ގެ ސުންކުތައް ވަނީ ތަހުލީލު ކޮށްފައެވެ. މި ތަހުލީލުތަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ އާބާދީގެ 0.96 އިންސައްތަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އެހެން ގޮތަކަށް ބުނާނަމަ ކޮންމެ 100 މީހަކުން އެކަކަށް ވަނީ ބަލި ޖެހިފައެވެ.

"މިއީ އެހެން ހޯދުންތަކާއި އަޅާބަލާއިރު 30 އިންސައްތަ ދަށްވުމެއް. ނޮވެމްބަރު 2 ވަނަ ދުވަހާއި ހަމައަށް ބަލާއިރު ކޮންމެ 80 މީހަކުން އެކަކަށް ބަލި ޖެހިފައިވަނީ" ރިޕޯޓްގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތުން މިހާތަނަށް ކޮވިޑް-19 އަށް 1,617,327 މީހަކު ވަނީ ފައްސިވެފައެވެ. އަދި އެގައުމުން މި ބަލި ޖެހިގެން 58,245 މީހަކު މަރުވެފައިވާއިރު، ބަލީގައި ރަނގަޅުވެފައިވާ މީހުންގެ އަދަދާއި މިހާރު ފަރުވާ ދެމުން އަންނަ މީހުންގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ. އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެފަދަ ފަރާތްތަކުން މައުލޫމާތު އާންމު ކޮށްފައި ނުވަނީ ބަލީގައި މަރުވާ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެގޮތަށް މައުލޫމާތު އާންމު ކޮށްފައިނުވާތީ ބަލި ޖެހޭ މީހުންގެ އިންސައްތަވެސް ހާމަ ކޮށްފައިވާ އަދަދަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު