އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް 2 ފުރަތަމަ ފަހަރަށް ވާޗުއަލް ބައްދަލުވުމެއް ބާއްވަވައިފި އެވެ. ވިންޑްސާ ކާސަލަގައި ބޭއްވި މި ވާޗުއަލް ބައްދަލުކުރެއްވުމުގައި އެކަމަނާ ބައްދަލުކުރެއްވީ އެޤައުމުގައި ތިއްބަވާ ފޮރިން ޑިޕްލޮމެޓިކުންނާއި އެވެ. އެ ބޭފުޅުން ތިއްބެވީ ބަކިންގްހަމް ޕެލެސްގައި އެވެ.

އެ ބައްދަލުވުމުގައި ވަނީ ސަގާފަތާއި އެއްގޮތަށް ޑިޕްލޮމެޓިކުން ވަނީ ރާނީއާއި ވާޗުއަލް ކޮށް އިހްތިރާމް އަދާކުރަށްވާފަ އެވެ.

ކޮވިޑް-19ގެ މަލިމަޑުކަމާއި ގުޅިގެން 94 އަހަރުފުޅުގެ ރާނީ އާއި 99 އަހަރުފުޅުގެ އަމީރު ފިލިޕް ދިރިއުޅުން ވަގުތީގޮތުން ބާކްޝިއަ ރެސިޓެންސް އަށް ބަދަލުވެވަޑައިގެންފަ އެވެ. ނަމަވެސް މި ހަފްތާ ތެރޭގައި ވަނީ ވިންޑްސާ ކާސަލް ގައި މަޑުކުރެއްވުމަށް ނިންމަވާފައެވެ. އެއީ ސަންދްރިންހަމްގައި ބާއްވާ ޝާހީ ހަފްލާތަކަށް ވަޑައިގެންނެވުމަށާއި ކްރިސްމަސްގެ ކަންކަމުގައި ބައިވެރިވަޑައި ގެންނެވުމަށެވެ.

ފޮޓޯ: ގޫގުލް

ބަކިންގްހަމް ގަނޑުވަރުގެ ތަރުޖަމާން ވިދާޅުވީ ޑިޕްލޮމެޓިކް ބައްދަލުވުންތަކަކީ ހާއްސަ ސަމާލުކަމެއް ދެއްވައިގެން ޝާހީ އާއިލާއިން ކުރިޔަށް ގެންދަވާ ކަންކަން ކަމަށެވެ. އަދި އެއީ އެ ބައްދަލުވުންތަކަށް އެތައް ވަގުތެއް ހޭދަވާ ކަންކަން ކަމަށެވެ. އޭނާ ވިދާޅުވީ ސިއްހީ ހާލަތައް ބައްލަވައިގެން ރާނީ އެ ބައްދަލުވުންތައް ވާޗުއަލް ކޮށް ކުރިޔަށް ގެންދަވަން ނިންމެވީ ކަމަށެވެ.

ރާނީ އެލިޒަބަތް ވަނީ ތިން ޑިޕްލޮމެޓިކް ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން އެކަމަނާ ބައްދަލުލުރެއްވި ބޭރުގެ ސަފީރުންގެ ތެރޭގައި ޖޯޖިއާގެ އެމްބަސަޑާ، ސޯފީ ކަޓްސަރަވާ، ޓިމޯރް ލެސްޓާގެ އެމްބަސެޑާ ގިލް ޑާ ކޮސްޓާ އާއި ހަންގަރީގެ އެމްބަސަޑާ ފެރެންކް ކުމިންއާއި އޭނާގެ އަނބިކަނބަލުން ވިކްޓޯރިޔާ ކުމިން ހިމެނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ޑިޕްލޮމެޓިކުން ތިއްބެވީ ބަކިންގްހަމް ޕެލެސްގެ އެކުއިރީސް ކޮޓަރިކޮޅުގައި އެވެ. އަދި ރާނީ ހުންނެވީ ވިންޑްސާ ކާސަލްގެ އޯކް ކޮޓަރިކޮޅުގައި އިށީންދެވަޑައިގެންނެވެ. އިނގިރޭސިވިލާތުގެ ޝާހީ ވެބްސައިޓުގައި ވާގޮތުން ވާޗުއަލް ކޮށް ރާނީ އާއި ބައްދަލުކުރެއްވިޔަސް ވަކި ހާއްސަ ކަމެއް ކުރަށްވަން ޖެހިވަޑައި ނުގަންނަވާނޭ ކަމަށެވެ.