މިހާރު ތޫފާނަކަށް ބަދަލުވެފައިވާ "ބުރެވި". އާ ގުޅިގެން ސްރީލަންކާއަށް ރަތް ސަމާލު ނެރެފި އެވެ.

ސްރީލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ރަތް ސަމާލު ނެރެފައި ވަނީ މުޅި ލަންކާ އަށެވެ.

އެ ސަމާލުގެ މުއްދަތު ފަށަނީ ރާއްޖެ ގަޑިން 16:30 ގައެވެ.

އެ ތޫފާނު ލަންކާއަށް އަރާނެ ކަމަށް ބެލެވެނީ ރާއްޖެ ގަޑިން މިރޭ 7:30 އާއި 10:30 އާއި ދެމެދު އެވެ.

އެ ގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ނެރުނު އެ ސަމާލުގައި ވަނީ ގަޑިއަކު 75-85 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 95 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަަށްވެސް ލަފާކޮށްފައި ވެއެވެ.

އެ ސަމާލުގައި އިތުރަށް ވަނީ ލަންކާގެ ބައެއް ސަރަހަައްދުތަކުގައި ހަތަރު ފޫޓާއި 11 އިންޗިއަށް ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެެވެ.

މީގެ އިތުރަށް އެންމެ ކުޑަކޮށް ތޫފާނުގެ އަސަރު ކުރާނެ ލަންކާގެ ސަރަހައްދުތަކަށްވެސް 40-50 މޭލު ބާރުމިނުގައި ވައި ޖެހޭނެ އެވެ.

ތޫފާން "ބުރެވި" ދަތުރު ކުރާ މިސްރާބަށް ބަދަލުތަކެއް ވަނީ އައިސްފައެވެ. މީގެ ކުރިން ތޫފާން ބުރެވި ފުރަތަމަ އަރާނެ ކަމަށް ލަފާކޮށްފައި ވަނީ ޓްރިންކޮމަލީ ސިޓީ އަށެވެ.

ނަމަވެސް ސްރީލަންކާގެ މޫސުމާއި ބެހޭ އިރާރާއިން ދެންމެ ވިދާޅުވީ، ތޫފާނުގެ މިސްރާބު ބަދަލުވެ މިއަދު ތޫފާން އަރާނީ މުއްލައިޓިވޫ ސިޓީ އަށް ކަމަށެވެ.