މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ހާލަތު ގޯސްވަމުން އަންނަ ތުރުކީވިލާތުން މިއަދު ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެއެވެ.

މިއަދު ތުރުކީވިލާތުން 32,381 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ތުރުކީން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ނޮވެމްބަރ 24 ވަނަ ދުވަހު އެގައުމުން ފައްސިވީ 7000 މީހުން ނަމަވެސް ނޮވެމްބަރ 25 ވަނަ ދުވަހު 28000 މީހުން ފައްސިވިއެވެ. އަދި އޭގެ ފަހުން ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިއަދު ކޮވިޑް-19 ޖެހިގެން ތުރުކީވިލާތުން 187 މީހުން މަރުވިއެވެ. މިއަދަކީ ތުރުކީވިލާތުން ހަތަރު ވަނަ އަށް އެންމެ ގިނައިން މީހުން މަރުވި ދުވަހެވެ. އިއްޔެ އަކީ މިހާތަނަށް ތުރުކީވިލާތުން އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ. އިއްޔެ އެގައުމުން 193 މީހުން މަރުވިއެވެ.

ތުރުކީވިލާތުގެ ހާލަތު މިހާރު ގޯސްވަމުންދާ ގޮތައް ބަލާއިރު އެގައުމުގެ ގިނަ ހޮސްޕިޓަލްތަކުގެ އައިސީޔޫ އާއި އަދި ހޮސްޕިޓަލްގެ އާއްމު އެނދުތައް ވެސް ފުރި، ބަލި މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތި އެތައް ބަޔަކު މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން ދާތީ ތުރުކީވިލާތުން ވަނީ މިހާރު އާފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ހަފްތާ ބަންދުގައި ރޭގަނޑު ކާފިއު ހިންގަން ވަނީ ނިންމާފައެވެ. އަދި ހަފްތާ ބަންދުގައި ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ނިކުތުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ކައިވެނި ޕާޓީތަކާއި ޖަނާޒާތަކުގައި އެންމެ ގިނަވެގެން ބައިވެރި ވެވޭނީ 30 މީހުންނަށް ކަމަށް ވެސް ވަނީ ނިންމާފައެވެ. އަދި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އުމުރުން 20 އަހަރުން ދަށުގެ މީހުންނާއި ކުދިން އާއްމު ދަތުރުފަތުރުގެ ނިޒާމް ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

އޭޕްރީލް މަހު ތުރުކީވިލާތުގައި ކޮވިޑް-19 އަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު 4000 އަށް އެރި ނަމަވެސް އޭގެ ފަހުން ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވި ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު ހުރީ އެވްރެޖްކޮށް 2000 ގައެވެ. ހާލަތު ގޯސްވާން ފެށީ ނޮވެމްބަރ މަސް ފެށުނު ފަހުންނެވެ. މިހާރު ތުރުކީވިލާތުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ އެއްސަބަބަކީ އެގައުމަށް ފިނި މޫސުން އައުން ކަމަށް ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވެއެވެ.