ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މިއަދު ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިޓަލީވިލާތުން ވަނީ 993 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ.

އޮކްޓޯބަރ މަހުގެ ފަހު ހަފްތާ އިން ފެށިގެން އިޓަލީވިލާތުގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ. ފާއިތުވި ހަތް މަސް ދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މިއަދު ފިޔަވައި ދެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ނޮވެމްބަރ 24 ވަނަ ދުވަހު އެވެ. އެދުވަހު 853 މީހުން އެގައުމުން މަރުވިއެވެ.

އިޓަލީވިލާތުން މިއަދު 23,225 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ ފާއިތުވި ތިން ދުވަސް ތެރޭގައި އިޓަލީވިލާތުން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ނަމަވެސް މިހާރު އެގައުމުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަން ފަށައި، ކުރިއަށް އޮތް ހަފްތާއެއްގައި ދުވަހެއްގެ ތެރޭގައި ގައުމުގެ ހާލަތު ރަނގަޅުވާ މަންޒަރު ފެންނާނެ ކަމަށް އިޓަލީވިލާތުގެ ސަރުކާރުން އުއްމީދު ކުރެއެވެ.

އިޓަލީގައި އަނެއްކާވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމުން އެގައުމުގެ އެއްރީޖަން އިން އަނެއް ރީޖަން އަށް ކޮންމެހެން ދަތުރު ކުރަމް ޖެހިގެން ނޫން ގޮތަކަށް ދަތުރު ކުރަން ވަނީ ޖަނަވަރީ މަހުގެ 06 ވަނަ ދުވަހާއި ހަމައަށްމަނާކޮށްފައެވެ. ދިރިއުޅޭ އަވަށް ނޫން އަވަށަކަށް ދަތުރު ކުރުމުގެ ހުއްދަ މިހާރު އޮތީ ހަމައެކަނި ސިއްހީ ދާއިރާގެ މުވައްޒަފުންނަށާއި ސިއްހީ ސަބަބަކަށްޓަކައި ދަތުރު ކުރާ މީހުންނަށް އެކަންޏެވެ.

އިޓަލީގައި ކޮންމެ ރެއެއްގެ 22:00 އިން ފެށިގެން އަލިވުމާއި ހަމައަށް ކާފިއު ހިންގަން ވެސް މިހާރު ވަނީ ނިންމާފައެވެ.

އިޓަލީވިލާތަކީ މިހާރު އަށް ވަނަ އަސް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެގައުމުން 1.6 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެ 58000 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު