ޗައިނާގެ ސިނޮވެކް ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނެއް އާއްމުކޮށް ދިނުމަށް ތުރުކީވިލާތުން ތައްޔާރުވާން ފަށައިފިއެވެ.

ތުރުކީވިލާތުގެ ހެލްތު މިނިސްޓަރ ފަހަރެޓިން ކޯކާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިނޮވެކް އިން ތުރުކީވިލާތައް 50 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް ކުރިން ވެފައިވާ އެއްބަސްވުމުގެ ދަށުން މިމަހުގެ 11 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ތުރުކީވިލާތައް ގެންދާނެ ކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު އާއްމުންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ވެސް އޭނާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ސިނޮވެކް އިން އުފައްދާފައިވާ ކޮވިޑް-19 ދެވެކްސިންގެ ތެރެއިން އެއްވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދައަށް އެދި މިހާރު ވަނީ ޗައިނާގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. ނަމަވެސް އަދި އެވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދައެއް ނުދެއެވެ.

ސިނޮވެކްގެ ވެކްސިނާއި ބެހޭ ގޮތުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުގައި އެއީ ވެސް ކޮވިޑް-19 އިން ރައްކާތެރި ކޮށްދޭނެ ވެކްސިނެކެވެ. އެވެކްސިން ތަހްލީލް ކުރުމަށް ދިން އެއްވެސް މީހަކަށް ވެސް ސީރިއަސް ސިއްހީ މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ.

ތުރުކީވިލާތުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ އެގައުމުގައި ކޮވިޑް-19 ވެކްސިން ދިނުން ކުރިއަށް ގެންދާނީ ހަތަރު މަރުހަލާއަކަށް ކަމަށެވެ. އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށާއި އުމުރުން ދުވަސްވީ މީހުންނަށެވެ. ދެން ވެކްސިން ދިނުމުގައި އިސްކަން ދޭނީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ތިބޭ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށެވެ.

ކޮންމެހެން ވެކްސިން ދޭން ޖެހޭ ކަމަށް ތުރުކީވިލާތުގެ ސަރުކާރުން ކަނޑައަޅާ މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ އެއްވެސް އަގެއް ނެގުމެއް ނެތިއެވެ. ނަމަވެސް ބޭސްފިހާރަތަކުން ވެކްސިން ގަންނަން ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސަން ތުރުކީވިލާތުން ވަނީ ނިންމާފައެވެ.

ސިނޮވެކްގެ އިތުރުން އެމެރިކާގެ ފައިޒާ އާއި މޮޑާނާގެ ވެކްސިން ވެސް އެމެރިކާގައި އާއްމުކޮށް ބޭނުން ކުރަން ފަށަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ. ފައިޒާގެ ވެކްސިން އިނގިރޭސިވިލާތުގައި އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ މިހާރު ވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު