ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންތައް މިހާރު ރައްކާކޮށްފައި ހުރި ތަންތަނަށާއި ވެކްސިން ރައްކާ ކުރުމަށް ނިންމާފައިވާ ތަންތަނުގެ މުވައްޒަފުންނަށް އަމާޒުކޮށް ހެކަރުން ސައިބާ ހަމަލާތައް ދެމުން ގެންދާކަމަށް އެމެރިކާގެ އައިބީއެމް އިން ބުނެފިއެވެ.

ސައިބާސެކިއުރިޓީ އާއި ގުޅޭ ގޮތުން އައިބީއެމް އިން އާއްމުކުރި ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ އެމެރިކާ އިން ކޮވިޑް-19 ވެކްސިން އެއްތަނުން އަނެއްތަނަށް އުފުލުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދާއިރު މިހާރު ވެސް ވެކްސިން އުފުލުމުގެ މަސައްކަތާއި ވެކްސިން ރައްކާ ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކަށް އެހެން ގައުމުތަކުގެ ހެކަރުން ހަމަލާ ދެމުންދާ ކަމަށެވެ. ނަމަވެސް ހަމަލާ ދެމުން ދަނީ ކޮން ގައުމުތަކެއްގެ ހެކަރުން ކަމެއް އައިބީއެމް އިން ނުބުނެއެވެ.

ވައިޓްހައުސް އިން ބުނާ ގޮތުގައި ޑިސެމްބަރ މަސް ނިމުމުގެ ކުރިން އެމެރިކާގެ އެކި ސަރަހައްދުތަކަށް 20 މިލިއަން ކޮވިޑް-19 ވެކްސިން ޑޯޒް ފޯރުކޮށްދެވޭނެއެވެ. ވެކްސިން ފޯރުކޮށްދޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ވެކްސިން ފިނިކުރެވޭ ގޮތައް ހުންނަ ހާއްސަ ރެފްރިޖަރޭޓަރުތަކެއްގައެވެ. ރެފްރިޖަރޭޓަރުތައް ހުންނާނީ ކަމާބެހޭ އިދާރާތަކަށް ޓްރެކް ކުރެވޭ ޑިވައިސްތައް ހަރުކޮށްފައެވެ.

އައިބީއެމް އިން ބުނާ ގޮތުގައި މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ވެކްސިން ރައްކާ ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހެކަރުން ފޮނުވަމުން ދަނީ ފިޝިން އީމެއިލް ތަކެކެވެ. އެއީމެއިލްތައް ބޭނުން ކޮށްގެން މުވައްޒަފުންގެ ޔޫސާނޭމް އާއި ޕާސްވޯޑް ހޯދައިގެން އެމީހުންގެ ބެލުމުގެ ދަށުގައި ހުންނަ ސިސްޓަމްތަކަށް ވަދެ، ވެކްސިން ޑެލިވަރީ ކުރަން ޖެހޭ ތަންތަނަށް ބަދަލު ގެނެސްފާނެ ކަމަށް އައިބީއެމް އިން ބުނެއެވެ.

ކޮވިޑް-19 ވެކްސިން އުފައްދާ ކުންފުނިތަކަށް ވެސް ހެކަރުން ސައިބާ ހަމަލާތައް ދެމުންދާ ކަމަށް މީގެ ކުރިން އެކި ކުންފުނިތަކުން ބުނެފައި ވެއެވެ. އެއީ ވެކްސިން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ކުރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު