ކޮވިޑް-19 ޖެހިގެން މިއަދު ވެސް އިޓަލީވިލާތުން އިތުރު 814 މީހަކު މަރުވެއްޖެއެވެ.

މިއަދު އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު އިއްޔެ އަށްވުރެ މަދެވެ. އިއްޔެ އެގައުމުން 993 މީހަކު މަރުވިއެވެ. މިއަދު އިޓަލީވިލާތުން ވަނީ އިތުރު 24099 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި އިޓަލީވިލާތުން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދަކީ އިޓަލީވިލާތުގައި ކޮވިޑް-19 ދެވަނަ ރާޅެއް އުފެދުނު ފަހުން 800 އަށް ވުރެ ގިނަ މީހުން މަރުވި ފަސް ވަނަ ދުވަހެވެ. މީގެ ކުރިން ދެވަނަ ރާޅު އުފެދުނު ފަހުން 800 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނީ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހާއި 26 ވަނަ ދުވަހާއި 27 ވަނަ ދުވަހާއި އިއްޔެ އެވެ.

އިޓަލީވިލާތުގެ ސިއްހަތާއި ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުގައި ކޮވިޑް-19 އަށް ޓެސްޓް ކުރަމުންދާ މީހުންގެ ތެރެއިން %11 މީހުން ދަނީ މިހާރު ކޮންމެ ދުވަހަކު ވެސް ކޮވިޑް-19 އަށް ފައްސިވަމުންނެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 31000 މީހުން އިޓަލީވިލާތުގައި މިހާރު ވެސް އެޑްމިޓް ކޮށްފައި އެބަތިއްބެވެ. އޭގެތެރެއިން 3567 މީހުންނަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ.

އިޓަލީގައި އަނެއްކާވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމުން އެގައުމުގެ އެއްރީޖަނުން އަނެއް ރީޖަން އަށް ކޮންމެހެން ދަތުރު ކުރަމް ޖެހިގެން ނޫން ގޮތަކަށް ދަތުރު ކުރަން ވަނީ ޖަނަވަރީ މަހުގެ 06 ވަނަ ދުވަހާއި ހަމައަށްމަނާކޮށްފައެވެ. ދިރިއުޅޭ އަވަށް ނޫން އަވަށަކަށް ދަތުރު ކުރުމުގެ ހުއްދަ މިހާރު އޮތީ ހަމައެކަނި ސިއްހީ ދާއިރާގެ މުވައްޒަފުންނަށާއި ސިއްހީ ސަބަބަކަށްޓަކައި ދަތުރު ކުރާ މީހުންނަށް އެކަންޏެވެ.

އިޓަލީގައި ކޮންމެ ރެއެއްގެ 22:00 އިން ފެށިގެން އަލިވުމާއި ހަމައަށް ކާފިއު ހިންގަން ވެސް މިހާރު ވަނީ ނިންމާފައެވެ.

އިޓަލީވިލާތަކީ މިހާރު އަށް ވަނަ އަސް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު