ކޮވިޑް-19 އަށް ފައްސިވާ މީހެއްގެ ގައިން އެހެން މީހަކަށް ވައިރަސް ޖެހުން އެންމެ ދުވަހަކުން ހުއްޓުވާލާ ބޭހެއް ސައިންސްވެރިން ދެނެގެންފިއެވެ.

އިންފްލްއެންޒާ އަށް އުފައްދާފައިވާ "މޮލްނުޕިރަވީރް" ނަމަކަށް ކިޔާ މިބޭސް ތަހްލީލް ކުރުމަށް ފުރަތަމަ ދީފައި ވަނީ ފެރެޓް ނަމަކަށް ކިޔާ ޖަނަވާރަކަށެވެ. ފެރެޓް ބޭނުން ކޮށްގެން ކުރި ތަހްލީލްތައް ކާމިޔާބު ވުމުން މިހާރު ވަނީ އިންސާނުންނަށް ވެސް މިބޭސް ދީފައެވެ. އިންސާނުންނަށް ބޭސް ދީގެން ކުރި ފުރަތަމަ މަރުހަލާގެ ތަހްލީލްތަކުން މިއީ ކޮވިޑް-19 ފެތުރުން އެންމެ 24 ގަޑިއިރުގެ ތެރޭގައި ހުއްޓުވިދާނެ ބޭހެއް ކަމަށް ވަނީ ދައްކާފައެވެ.

ޖޯޖިއާ ސްޓޭޓް ޔުނިވަސިޓީން މިހާރު ވަނީ މިބޭހުގެ ދެވަނަ މަރުހަލާ އާއި ތިންވަނަ މަރުހަލާގެ ތަހްލީލްތައް ކުރަމުންނެވެ. މިއީ ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން ގެންދާ "ހަނގުރާމަ ކާމިޔާބު ކުރުމަށް އެހީވާނެ ގޭމް ޗޭންޖިން ބޭހެއް" ކަމަށް އުއްމީދު ކުރެވޭ ކަމަށް ތަހްލީލްތަކުގައި އިސްކޮށް އުޅޭ ސައިންސްވެރިން ބުނެއެވެ.

ބޭހުގެ ދެވަނަ މަރުހަލާ އާއި ތިންވަނަ މަރުހަލާގެ ތަހްލީލްތަކުގެ ނަތީޖާ އެންމެ އަވަހަށް ވެސް ލިބި، ބޭސް އާއްމުކޮށް ގިނަ ބަޔަކަށް ދިނުމާއިމެދު ގޮތެއް ނިންމޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެއި މަހުއެވެ. ނަމަވެސް އޭގެ ކުރިން ބައެއް ގައުމުތަކުން މިއީ ތަހްލީލް މަރުހަލާގައި އޮތް ބޭހެއް ކަމަށް ވީނަމަވެސް ކޮވިޑް-19 ޖެހިފައި ތިބި މީހުންނަށް ދޭން ފެށުމުގެ ފުރުސަތު އެބައޮތެވެ.

މިހާރު ވެސް ބައެއް ބަލިތަކަށް ބޭނުން ކުރަމުންދާ ބޭސްތައް ކޮވިޑް-19 ޖެހޭ މީހުންނަށް ދީގެން އުއްމީދީ ނަތީޖާތަކެއް ނެރެވިދާނެ ކަމަށް ބައެއް ތަހްލީލްތަކުން ދައްކާފައިވެއެވެ. ނަމަވެސް ފުޅާދާއިރާއެއްގައި ފަހުން ކުރެވުނު ތަހްލީލްތަކުން އަދި ބަލިމަޑުކަމުން އަރައިގަންނަން ބޮޑު އެހީތެރިކަމެއް ލިބޭނެ ބޭހެއް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި ކުރިއެރުންތައް ލިބެމުން ދިޔަ ނަމަވެސް ބަލި ޖެހިފައި ތިބޭ މީހުން ބަލިން ރަނގަޅު ކުރަން ބޭހެއް ހޯދުން އެއީ ވަރަށް މުހިއްމު ކަމެއްކަމަށް ސައިންސްވެރިން ބުނެއެވެ. ސަބަބަކީ ކޮވިޑް-19 އަށް ވެކްސިނެއް ލިބުނު ނަމަވެސް ވެކްސިން ޖެހުމުގެ ކުރިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން ކޮވިޑް-19 އިން ރަނގަޅު ނުކުރެވޭނަމަ ވެކްސިނެއް ލިބުނު ނަމަވެސް އެތައް ބަޔަކު މަރުވެގެން ދިއުމުގެ ފުރުސަތު އޮތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    Hithun niyaiy ganna irah covid huhtuvey beyheh dhene nuganeveytha🙄

    8
    13