ނިޕާ ވައިރަސް ޖެހިގެން އިންޑިޔާގައި އިތުރު މީހަކު އަނެއްކާވެސް މަރުވެއްޖެއެެވެ. މިއީ އިންޑިޔާގައި ނިޕާ ވައިރަސް ޖެހިގެން މަރުވި 14 ވަނަ މީހާއެވެ.

މި ވައިރަސް ޖެހިގެން އިންޑިޔާގެ ކެރަލާއިން މިފަހަރު މަރުވެފައިވަނީ ފިރިހެނެއް ކަމަށްވާއިރު އެގައުމުގެ ނޫސްތައް ބުނާގޮތުން އޭނާ މަރުވެފައިވަނީ ފަރުވާ ދެމުންދިޔަތާ ހަތަރު ދުވަސްފަހުންނެވެ. މީގެއިތުރުން މި ވައިރަސް ޖެހިގެން އިތުރު ދެ މީހަކު ވަނީ ކެރަލާގެ ކޮޒިކޯޑް މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައި އެޑްމިޓުކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެ ދެ މީހުން ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނިޕާ ވައިރަސްގެ ގިނަ ކޭސްތައް ރިޕޯޓް ކުރެވިފައިވަނީ އަދި ގިނަ މީހުން މަރުވެފައިވަނީ ކެރެލާގެ ކޮޒިކޯޑްއިންނެވެ. އަދި އެއަވަށް ކައިރީ އޮންނަ މަލަލަންޕޫރްއިންނެވެ.

ނިޕާ ބައްޔަކީ މިބަލި ޖެހިފައިވާ މީހުންގެ ދަލުންނާއި ކުޅުން އަދި ކުޑަކަމުދާ އެއްޗެހިން ފެތުރޭ ބައްޔެކެވެ.

މިބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެއެވެ. މިވައިރަސް ޖެހުމުގެ ސަބަބުން ސިކުޑީގެ ޓިޝޫތައް ދުޅަވެ، ބައެއް ހާލަތުގައި މީހާ ކޯމާއަކަށްވެސް ދެއެވެ.

އިންޑިއާގެ ކެރެލާގެ މިހާރު ހަލުވިކަމާއި އެކު ނިޕާ ވައިރަސް ފެތުރެމުން ދާތީ ކެރެލާ އަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރެއް ނުކުރަން އެސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަތުރުވެރިންނަށް ވެސް އިލްތިމާސް ކޮށްފައެވެ.