ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވަލްނީ މަރާލަން ރަޝިއާ ސަރުކާރުން ބޭނުންނަމަ ފަޅި ސިކުންތަކުން އެކަންކޮށް ނިންމާލާނަން ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން މިހެން ވިދާޅުވީ "ސީއެންއެން" އާއި "ބެލިންކަޓް" ގުޅިގެން އުފެއްދި ޑޮކިއުމެންޓްރީއަކަށް އިޝާރާތްކޮށް ވާހަކަދައްކަވަމުންނެވެ. މިޑޮކިއުމެންޓްރީ އަކީ ނަވަލްނީ އަށް ވިހަދިންގޮތް ތަޙްޤީޤު ކުރުމަށްފަހު ގިނަ މައުލޫމާތުތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ އިންވެސްޓިގޭޓިވް ޑޮކިއުމެންޓްރީއެކެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަށް މީގެ ދެތިން މަސް ކުރިން ވިހައެއް ދީގެން މަރާލަން މަސައްކަތް ކޮށްފައިވެއެވެ. ވިހައެއް ދިނުމުން އޭނާގެ ހާލުދެރަވީ ފްލައިޓްގައި އިންދައެވެ. ރަޝިއާގެ ހޮސްޕިޓަލަކުން އޭނާ އަށް ފަރުވާ ދިނުމަށްފަހު ފަހުން ޖަރުމަންވިލާތައް ގެންގޮސް އިތުރު ފަރުވާ ދިނެވެ. މަހެއްހާ ދުވަސް ފަހުން އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ނަވަލްނީ އާއި އޭނާގެ ސަޕޯޓަރުން ތުހުމަތު ކުރާ ގޮތުގައި ނަވަލްނީ އަށް ވިހައެއް ދީފައި ވަނީ ރަޝިއާ ސަރުކާރުގެ އެޖެންޓުންނެވެ. ނަމަވެސް ރަޝިއާ އިން ވަނީ ތަކުރާރުކޮށް އެތުހުމަތުތައް ދޮގުކޮށްފައެވެ.

ޕޫޓިން ވިދާޅުވީ ނަވަލްނީ މަރާލަން ރަޝިއާ އިން ބޭނުންނަމަ އެއީ ކުރަން އުނދަގޫ ކަމެއް ނޫނެވެ. "އޭނާ މަރާލަން ރަޝިއާ އިން ބޭނުންނަމަ އެއީ ކުރަން އުނދަގޫ ކަމެއް ނޫން. އެމަސައްކަތް ނިކަން ފަސޭހައިން އަހަރެމެން ނިންމާލާނަން." ޕޫޓިން ވިދާޅުވިއެވެ.

ސީއެންއެން އާއި ބެލިންކަޓް ގުޅިގެން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ނަވަލްނީ މަރާލަން ރަޝިއާގެ ފެޑްރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ހާއްސަ ޓީމެއް ތައްޔާރުކޮށްގެން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.

ޕޫޓިން ވިދާޅުވީ ނަވަލްނީ މަރުވާން އޭނާ ވެސް ބޭނުން ނުވާކަމަށެވެ. "ނަވަލްނީގެ އަނބިކަނބަލުން އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވި އޭނާ ގައުމުން ބޭރަށް ގެންގޮސް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސައިދޭން. އަޅުގަނޑު ވަގުތުން އަމުރު ނެރުނު އޭނާ ގައުމުން ބޭރަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަން. އޭނާ މަރާލަން އަޅުގަނޑު ބޭނުންނަމަ މިކަންކަން ކުރާނެތޯ؟" ޕޫޓިން ސުވާލު ކުރެއްވިއެވެ.

ޕޫޓިން ވިދާޅުވީ ނަވަލްނީ އަށް ދިމާވި ކަންކަމާއި ގުޅިގެން ރަޝިއާ ސަރުކާރަށް ކުރަމުން ގެންދާ ތުހުމަތުތަކަކީ "ސަޕްރައިޒެއް ނޫނެވެ."

ރަޝިއާގެ ހާރިޖީ ވަޒީރު ލަވްރޯވް ވެސް ވިދާޅުވެފައި ވަނީ ނަވަލްނީ މަރާލަން ރަޝިއާ ސަރުކާރުން މަސައްކަތް ކުރިކަމަށް ބުނެ ދައްކަނީ "ޖޯކަކަށްވުރެ ވެސް މާމަޖާ ވާހަކައެކެވެ."