އެއްވެސް ސިޔާސީ ޕާޓީއަކަށް އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ނުލިބުމުން ދިމާވެފައިވާ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަން ކުރަމުން އަންނަ މަސައްކަތެއް އަނެއްކާވެސް ކޮޅެއްގައި ނުޖެހި، ގޮތްހުސްވުމުން އަންނަ އަހަރުގެ މާޗް މަހު އާއްމު އިންތިޚާބެއް ބާއްވާނެކަން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

މާޗް މަހު އޮންނަ އިސްރާއީލްގެ އާއްމު އިންތިޚާބު ވެގެން ދާނީ އެގައުމުގައި ފާއިތުވި ދެއަހަރު ތެރޭގައި ބާއްވާ ހަތަރު ވަނަ އާއްމު އިންތިޚާބަށެވެ.

ބޮޑުވަޒީރު ނަތަންޔާހޫ އަނެއްކާވެސް އިންތިޚާބަކާއި ކުރިމަތިލާން މިޖެހުނީ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގައި ވެރިކަންކުރާ ކޯލިޝަންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދި އަޣުލަބިއްޔަތު މެންބަރުންނަށް އެއްބަސްވެވޭ ހައްލެއް ނުފެނުމުންނެވެ.

މެއި މަހު އޮތް އިސްރާއީލްގެ އާއްމު އިންތިޚާބު އެއްވެސް ޕާޓީއަކަށް ކާމިޔާބު ނުވުމުން އިސްރާއީލްގެ ބޮޑުވަޒީރު ކަމަށް ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރ ބެނީ ގެންޓްޒް އާއިއެކު ކޯލިޝަން ހަދައިގެންނެވެ. ކޯލިޝަން ހެދީ 18 މަސްދުވަހު ނަޔަންޔާހޫ ބޮޑުވަޒީރުކަން ކުރުމަށް ފަހު ދައުރު ހަމަވަންދެން ބެނީއަށް ބޮޑުވަޒީރުކަން ދޭން އެއްބަސްވެގެންނެވެ. ނަމަވެސް ކޯލިޝަން ނިމުމަކަށް އައިސްފައި މިވަނީ ކުރިން އެއްބަސްވި ގޮތައް މާލީ ކަންކަމުގައި ނަޔަންޔާހޫ ބޭނުންވާ ގޮތައް ކަންތައްތައް ކުރަން ބެނީ އެއްބަސްނުވުމުންނެވެ.

އަންނަ އަހަރު ކުރީކޮޅު އާއްމު އިންތިޚާބާއި ކުރިމަތިލާން ނަތަންޔާހޫ އަށް މަޖުބޫރު ވެފައިވާއިރު މިއީ ފާއިތުވި ތިން އިންތިޚާބަށްވުރެ ވެސް ނަތަންޔާހޫގެ ތާއިދު ދަށަށް ދާނެ އިންތިޚާބެއް ކަމަށް މިހާރު ވެސް ތަޖުރިބާކާރުން ލަފާކުރެއެވެ. ސަބަބަކީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އިސްރާއީލްގެ ސަރުކާރުން އެޅި ފިޔަވަޅުތަކާއި ދެކޮޅަށް ވަރަށް ގިނަ އާއްމު ރައްޔިތުން ނުރުހުން ފާޅުކުރަމުން ގެންދާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    ތިކަހަލަ ބަ ރުދަމާ ނިޒާމެއް މި ރާއްޖެއަށް ގެންނަންވެގެން ބޮޑުފަޑީ ރުކަން ކު ރާހިތުން އެބައުޅެއެންނުން ...