މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް އިނގިރޭސި ވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފައިވާކަމަށް "ކެމްޕެއިން އެގެއިންސްޓް އާރމްސް ޓްރޭޑް" ގެ ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން އިސްރާއީލަށް ވިއްކި ހަތިޔާރުގެ އަގު 460 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

އިސްރާއީލަށް ވިއްކާފައިވާ ހަތިޔާރުގެ ތެރޭގައި ރައިފަލާއި، ބަޑީގެ ވަޒަނާއި، ސްނައިޕަރ ރައިފަލްގެ އިތުރުން މީހުންނަށް އަމާޒުކުރާނެ އާލާތްތައް ހިމެނެއެވެ.

2017 ވަނަ އަހަރު އިނގިރޭސިވިލާތުން އިސްރާއީލަށް 294 މިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ، އިސްރާއީލަށް ހަތިޔާރު ވިއްކާ ކޮންޓްރެކްޓަރުންނަށް ދީފައިވެއެވެ.

މިއީ 2016 ވަނަ އަހަރު އެ ގައުމުން ހުއްދަ ދީފައިވާ 114 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 256 އިންސައްތަ މަތީ އަދަދެކެވެ. 2015 ވަނަ އަހަރު އިނގިރޭސިވިލާތުން ހުއްދަ ދީފައިވަނީ 27 މިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމަށެވެ.

އިނގިރޭސި ވިލާތުން އިސްރާއިލަށް ހަތިޔާރު ވިއްކާ އަދަދުތަކާއި ބެހޭ އައު މައުލޫމާތުތަކެއް ހާމަކޮށްފައިވާއިރު އިސްރާއީލް އިން ފަލަސްތީންގެ ބިމަށް ވެރިވެގަތްތާ 70 އަހަރު ފުރުމާއި ދިމާކޮށް އެކަމާއި ދެކޮޅަށް ފަލަސްތީންގެ ޣައްޒާގައި މުޒާހަރާ ކުރަމުންދާ ފަލަސްތީންގެ ރައްޔިތުންގެ ގަޔަށް އިސްރާއީލްގެ އަނިޔާވެރި ސިފައިން ވަނީ ބަޑި ޖަހާފައެވެ.

މުޒާހަރާ ރޫޅާލުމަށް ބަޑި ޖެހުމުގެ އިތުރުން މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ވެސް ޖަހާފައެވެ.

ހަތިޔާރު ބޭނުންކޮއްގެން ދިން ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 130 މީހުން ޝަހީދު ވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގައި 13،000 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީ

    ކޮންމެގޮތެއްވިޔަސް އެއްމެހާ ބާރުގެވެރި މާތްﷲ ވޮޑިގެންވަނީ އަޅުގަނޑުމެން މުސްލިމުންނާއެކު

  2. ބެލްފޯރ ޑިކްލަރޭޝަން

    ރެކޯޑް އަދަދަކަށް އިނގިރޭސިވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކަން ޖެހެނީ އެއީ، އިނގރޭސިންގެ މުސްލިމުންނަށްޓަކައި އެމީހުން ތައްޔާރު ކޮށްފައިވާ ނަމޫނާ ގައުމުކަމުގައިވާތީ.