ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ އެމެރިކާގެ ސްޓޭޓް ކަމަށްވާ ކެލިފޯނިއާގައި ހާލަތުން ދުވަހުން ދުވަހަށް ގޯސްވަމުން ގޮސް އެންމެ ފަހުން ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުންނަށް އޮކްސިޖަން ފޯރުކޮށްދޭން ދަތިވާތީ ފަސް ހޮސްޕިޓަލެއްގައި ކާރިސާގެ ހާލަތު އިއުލާންކޮށް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ލޮސްއެންޖެލިސްގެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައި ތިބި ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ނުދެވޭވަރަށް އޮކްސިޖަންގެ ދަތިކަން ވަނީ ދިމާވެފައެވެ. އެހެންކަމުން މިހާތަނަށް ފަސް ހޮސްޕިޓަލެއްގައި ވަނީ ކާރިސާގެ ހާލަތު އިއުލާން ކޮށްފައެވެ.

ކާރިސާގެ ހާލަތު އިއުލާން ކޮށްފައިވާ ހޮސްޕިޓަލްތަކުގެ ތަފްސީލެއް އެމެރިކާގެ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް ޑިޕާޓްމަންޓް އޮފް ހެލްތު ސާވިސް އިން ވަނީ ފަސް ހޮސްޕިޓަލެއްގައި ކާރިސާގެ ހާލަތު އިއުލާން ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބަލި މީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި ހޮސްޕިޓަލްތަކަށް ދަތިތައް ކުރިމަތިވި މައިގަނޑު ސަބަބަކީ ހޮސްޕިޓަލްތަކުގެ އިންފްރާސްޓަކްޗާ މައްސަލައެއްގެ ސަބަބުންނެވެ. ކޮވިޑް-19 ބަލި މީހުންނަށް އޮކްސިޖަން ފޯރުކޮށްދޭން ޖެހެނީ އެހެން ބަލި މީހުންނަށްވުރެ 10 ގުނަ އިތުރަށް ކަމަށްވާއިރު އެފަދަ ޕްރެޝަރެއްގައި އޮކްސިޖަން ފޯރުކޮށްދެވޭ ފެންވަރު ވެސް ބަލި މީހުންނަށް އޮކްސިޖަން ފޯރުކޮށްދޭ ހޮޅިތަކުގައި ނެތެވެ.

ލޮސް އެންޖެލިސްގެ ވަރަށް ގިނަ ހޮސްޕިޓަލްތައް ވެސް މިހާރު ވަނީ ފުރިފައެވެ. ގިނަ ހޮސްޕިޓަލްތަކުގެ ބޭރުގައި ޓެންޓްތައް ޖަހައިގެން ވެސް ބަލި މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލްގެ އެތެރޭގައި ހުންނަ ވެއިޓިން އޭރިޔާތައް ވަނީ ބަލި މީހުން އެޑްމިޓް ކުރާ ވޯޓްތަކަށް ބަދަލު ކޮށްފައެވެ.

އެމެރިކާ އިން މިހާތަނަށް 20 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު ހަމައެކަނި ކެލިފޯނިއާ އިން ފައްސިވި މީހުންގެ އަދަދު 2.2 މިލިއަނަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިހާކުރުކުޑޭ

    ކިބުރުވެރިކަމާއި ބޮޑާކަމާއެކު ޓުރަމްޕު ބުނާނީ ތިމަންނަފަޚުރުވެރިވަމޭ. އެ ހެންވީމާ
    ތިމަންނަޔަށް އެވޯޑުދިނުން ހައްގޭ ..