އެމެރިކާގެ ވިސްކޮންސިންގެ ހޮސްޕިޓަލެއްގެ މުވައްޒަފަކު އެހޮސްޕިޓަލްގައި ރައްކާކޮށްފައި ހުރި ވެކްސިންތަކެއް ރެފްރިޖަރޭޓަރުން ނަގައި، ގަސްދުގައި އެތަކެތި ހަލާކުކޮށްލި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލައިފިއެވެ.

ގްރަފްޓޮން ހޮސްޕިޓަލްގެ މުވައްޒަފަކު ވަނީ އެތަނުގެ މުވައްޒަފުންނަށް ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ހުރި މޮޑާނާ ކުންފުނީގެ 500 ވެކްސިން ހަލާކު ކޮށްލާފައެވެ. އޭނާ ގަސްދުގައި ވެކްސިންތައް ހަލާކު ކޮށްލުމުން މިދިޔަ ހަފްތާގައި ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

އެފްބީއައި އިން ބުނީ އޭނާ ހައްޔަރުކޮށް ދައުވާ އުފުލީ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ބައެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ އަމަލެއް ގަސްދުގައި ކުރުމާއި ބޭހެއް ހަލާކު ކޮށްލުމާއި އެހެން މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ވެސް ހިމެނެއެވެ.

ވެކްސިންތައް ހަލާކު ކޮށްލި މީހާގެ ނަމެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ. އޭނާ ވެކްސިންތައް ހަލާކު ކޮށްލީ ކޮން މަޤުޞަދެއްގައި ކަމެއް ވެސް އަދި ރަސްމީ އިދާރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މިއަމަލު ހިންގި މީހަކީ ވެކްސިން ދިނުމާއި ވަރަށް ދެކޮޅު މީހެކެވެ.

އެމެރިކާ އިން މިހާތަނަށް ވަނީ ދެވެކްސިނަކަށް ހުއްދަ ދީފައެވެ. އޭގެތެރެއިން މޮޑާނާގެ ވެކްސިން ރައްކާކޮށްފައި ބަހައްޓަން ޖެހެނީ މައިނަސް 25 ޑިގްރީ އާއި މައިނަސް 15 ޑިގްރީއާއި ދެމެދުގައެވެ. މޮޑާނާގެ ވެކްސިނަށް ހުއްދަ ދިނީ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހު އެވެ.

އެމެރިކާ އަކީ ވެކްސިނާއި ދެކޮޅަށް ވެސް އެންމެ ވަރުގަދަ ކެމްޕޭންތައް ހިންގާ އެއްގައުމެވެ. ކޮވިޑް-19 ވެކްސިން އެމެރިކާގައި ޖަހަން ފަށާފައި ވާއިރު އެއްވެސް މީހަކު ވެކްސިން ޖެހުން މަޖުބޫރެއް ނޫނެވެ. ޚިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުގައި އެމެރިކާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ކޮވިޑް-19 ވެކްސިން ޖަހަން ބޭނުމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޖޫ

    ނޫނޭ ނަންވާނީ ހަމަ ތުނބުޅި ލީ މީހުން އެކަނި.