ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އިން މިހާތަނަށް އެގައުމުގެ 4.5 މިލިއަން މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ޗައިނާ ސަރުކާރުން ބުނީ ކުއްލި ހާލަތުގައި ވެކްސިން ދިނުމަށް ލިބިފައިވާ ހާއްސަ ހުއްދައިގެ ދަށުން ޑިސެމްބަރ މަހުގެ ފަހު ދެހަފްތާ ދުވަސް ތެރޭގައި ވެސް ތިން މިލިއަން މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ. ވެކްސިން ދީފައިވާ މީހުންގެ ތެރޭގައި ވެކްސިން އުފައްދާ ކުންފުނިތަކުގެ މުވައްޒަފުންނާއި ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ އާއި ސީފުޑް މާކެޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ހާއްސަ އިސްކަމެއް ދީގެން ވަނީ ވެކްސިން ދޭން ފަށާފައެވެ.

ޗައިނާ އިން ކޮވިޑް-19 ވެކްސިން ފުރަތަމަ ދޭން ފެށީ ޖޫން މަހުއެވެ. ޖޫން މަހުން ފެށިގެން ނޮވެމްބަރ މަހުގެ ނިޔަލަށް 1.5 މިލިއަން މީހުންނަށް ވެކްސިން ދިނެވެ. އޭގެތެރޭގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ 60000 މީހުން ވެސް ހިމެނެއެވެ.

ޗައިނާގެ ހެލްތު ކައުންސިލުން ބުރާސްފަތި ދުވަހު ބުނީ ވެކްސިން ދިނުމަށް މިހާރު އެމަޖެންސީ ސެންޓަރުތަކެއް ގާއިމު ކުރެވިފައިވާ ކަމަށާއި އެސެންޓަރުތައް ވަނީ ވެކްސިން ދިނުމުގެ އިތުރުން ވެކްސިން ދޭމީހަކަށް ދިމާވެދާނެ ކުއްލީ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ވެސް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

ޗައިނާގެ ސިނޮފާމް އިން އުފެއްދި ދެވެކްސިންގެ ތެރެއިން އެއްވެކްސިނަށް މިދިޔަ ހަފްތާގައި ވަނީ ހުއްދަ ވެސް ދީފައެވެ.

ޗައިނާ އިން ބުނީ މިހާތަނަށް ވެކްސިން ދިން 4.5 މިލިއަން މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް ސިއްހީ މައްސަލައެއް ދިމާނުވާ ކަމަށެވެ. ވެކްސިން ދިން މީހުންގެ ތެރެއިން %0.1 އަށްވުރެ ވެސް މަދު އަދަދެއްގެ މީހުންގެ ގައިން ކޮންމެވެސް ވަރަކަށް ހުން އައުން ފާހަގަ ކުރެވުނު ކަމަށް ޗައިނާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު