އިސްރާއީލުން މިހާތަނަށް މިލިއަނެއްހައި މީހުންނަށް ކޮވިޑް-19 ވެކްސިން ދީފައި ވަނިކޮށް އޭގެތެރެއިން 240 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އިސްރާއީލް މީހުންނަށް ދެނީ ފައިޒާ ކުންފުނީގެ ވެކްސިނެވެ. އާއްމު ގޮތެއްގައި ވެކްސިން އުފައްދަނީ ވައިރަސްގެ ކޮންމެވެސް ވަރެއްގެ ނިސްބަތެއް ވެކްސިންގައި ހިމަނައިގެންނެވެ. ނަމަވެސް ފައިޒާ އިން ވެކްސިން އުފައްދާފައި ވަނީ ކޮވިޑް-19 ވައިރަސް އެއްވެސް ވަރަކަށް ވެކްސިން އުފެއްދުމުގައި ނުހިމަނައި އާޓެކްނޮލޮޖީއެއް ބޭނުން ކޮށްގެންނެވެ.

އެހެންކަމުން އިސްރާއީލުން ކޮވިޑް-19 އަށް ފައްސިވި މީހުންނަކީ ވެކްސިނުން ވައިރަސްގެ އަސަރު ކުރިބައެއް ނޫންކަމުގެ ކަށަވަރުކަން އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން ދެއެވެ. އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި ވެކްސިން ދިން ފަހުން ކޮވިޑް-19 އަށް ފައްސިވި މީހުންނަކީ ވެކްސިން ދިންތާ ދެހަފްތާ ނުވަނީސް ކޮވިޑް-19 އަށް ހުށަހެޅުނު މީހުންނެވެ. ނުވަތަ ވެކްސިން ދިން އިރުވެސް އެމީހުންގެ ހަށިގަނޑުގައި ވައިރަސްގެ އަސަރު ހުރީކަމަށްވުން ވެސް އެކަށީގެންވާ ކަމަށް އިސްރާއީލްގެ އޮފިޝަލުން ބުނެއެވެ.

ކޮވިޑް-19 ވެކްސިން ދިނުމުން ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ދިފާއީ ބާރު އުފެދެން ދެހަފްތާއެއްހާ ދުވަސް ނަގައެވެ. އެހެންކަމުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ލަފާދެއްވަނީ ވެސް ވެކްސިން ޖެހުމަށްފަހު ދެހަފްތާ ދުވަސް ވަންދެން ވަރަށް ބޮޑަށް ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައިގެން އުޅުމަށެވެ.

ފައިޒާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ ދެޑޯޒް ދޭން ޖެހެއެވެ. ފުރަތަމަ ޑޯޒް ދިނުމަށް ފަހު ދެވަނަ ޑޯޒް ދެނީ 21 ދުވަސް ފަހުންނެވެ. ވެކްސިން ދޭތާ 28 ދުވަސް ތެރޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމް ތައްޔާރު ކޮށްދެއެވެ. ވެކްސިން ދޭ މީހުންގެ ތެރެއިން ވެސް %5 މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޮވެއެވެ.

އިސްރާއީލުން ވެކްސިން ދިން މީހުންގެ ތެރެއިން 319 މީހަކު ވަނީ ހުން އައުމާއި ގައިހިރުވުން ފަދަ ކަންކަން ދިމާވެގެން ރިޕޯޓް ކޮށްފައެވެ. އަދި އިތުރު 293 މީހަކު ވަނީ ގައިގަ ރިއްސާކަމަށް ރިޕޯޓް ކޮށްފައެވެ.

އިސްރާއީލުން ބުނީ އެގައުމުގައި ވެކްސިން ދިން އެއްވެސް މީހަކަށް ސިއްހީ ބޮޑު މައްސަލައެއް ކުރިމަތިވެފައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު