ކޮވިޑް-19 އިތުރަށް ފެތުރެމުން ދާތީ ސްކޮޓްލޭންޑް ފުރަބަންދު ކުރުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ފަސްޓް މިނިސްޓަރ ނިކޮލާ ސްޓަޖަން ވިދާޅުވެއްޖެ އެވެ.

ސްކޮޓްލޭންޑުން ނިންމާފައި ވަނީ އެއްމަސް ދުވަހަށް އެގައުމު ފުރަބަންދު ކުރާށެވެ. މި ނިންމުމަށް މިރޭ ދަންވަރުން ފެށިގެން އަމަލު ކުރަމުންދާނެއެވެ.

މުޅި ސްކޮޓްލޭންޑް ފުރަބަންދު ކުރުމަށް ފަހު އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުތުން މަނާކުރުން ހިމެނެއެވެ. ނަމަވެސް ކޮންމެހެން އޮފީހަށް ގޮސްގެން ކުރަން ޖެހޭ މަސައްކަތެއް އޮތްނަމަ އޮފީހަށް ނުވަތަ މަސައްކަތް ކުރާ ތަނަކަށް ދިއުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި ކަސްރަތު ކުރަން ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

ފަސްޓް މިނިސްޓަރ ނިކޮލާ ވިދާޅުވީ ސްކޮޓްލޭންޑުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވަމުން އަންނާތީ ސްކޮޓްލޭންޑް ފުރަބަންދު ކުރުން ނޫން އިތުރު އެއްވެސް ގޮތެއް މިވަގުތު ނެތް ކަމަށެވެ. "މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ ސިއްހީ އެހީތެރިންނަށް ވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައި. އެހެންކަމުން ހާއްސަކޮށް ހޮސްޕިޓަލްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ފުރަބަންދަކަށް ދިއުން މަޖުބޫރު." ނިކޮލާ ވިދާޅުވިއެވެ.

ސްކޮޓްލޭންޑްގައި އިތުރަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަޅުކަން ކުރާ ތަންތަން ބަންދުކުރުމާއި، ކައިވެނި ޕާޓީތައް ބޭއްވުން މަނާ ކުރުން ހިމެނެއެވެ. ނަމަވެސް ކައިވެނި ކުރުމުގެ ކަންކަން ކޯޓުތަކުގައި ކުރިއަށް ގެންދެވޭނެއެވެ. އެފަދަ ހަފްލާތަކުގައި ގިނަ ވެގެން ބައިވެރިވެވޭނީ ފަސް މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ކޮވިޑްގެ ނުރައްކާތެރިކަމަކީ ވެކްސިން ޖެހީމާ ވެސް ބަލި ފެތުރުން ނުހުއްޓުމާއި ވެކްސިން ޖަހާފައިވާ މީހުން ވެސް މަރުވަމުންދާކަން. މި ވަގުތު ސްކޫލްތައް ހުޅުވުމަކީ ރައްކާތެރިކަމެއް ނޫން.