ސައުދީ އަރަބިއްޔާ އިން ޤަތަރަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ސައުދީ އަރަބިއްޔާ އިން ނިންމާފައިވާ ކަމުގެ ރިޕޯޓްތައް ބުނެފިއެވެ.

ކުވޭތުގެ ފޮރިން މިނިސްޓަރު ދެންމެ އެގައުމުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޤަތަރުގެ ބޯޑަރު އެއްގަމު މަގުންނާއި ވައިގެ މަގުން ބަންދުކޮށްފައި އޮތް އޮތުމަށް ނިމުން ގެންނަން ސައުދީ އަރަބިއްޔާ އިން ނިންމާފައިވާ ކަމަށެވެ.

މިނިންމުމަށް މިރޭ އަމަލު ކުރަން ފަށާނެ ކަމަށް ވެސް ކުވޭތުގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ޤަތަރުން ނިރުބުވެރިންނަށް (ޓެރަރިސްޓުންނަށް) އެހީތެރިވެދޭ ކަމަށް ބުނެ ސައުދީ އަރަބިއްޔާ އާއި ސައުދީ އަރަބިއްޔާއަށް ތާއިދު ކުރާ ގައުމުތަކުން ޤަތަރާއި ސިޔާސީ ގުޅުން ކަނޑާލީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ. ސައުދީ އަރަބިއްޔާގެ ބާރުއެޅުމާއިއެކު ޤަތަރާއި ގުޅުން ކަނޑާލީ ޔޫއޭއީ، ބަހްރޭން، މިސްރު އަދި ދިވެހިރާއްޖެ އިންނެވެ.

ރާއްޖެ ފިޔަވައި އެހެން ހުރިހާ ގައުމަކުން ޤަތަރަށް ދަތުރުކުރާ ފްލައިޓްތަކަށް ވައިގެ ސަރަހައްދު ވެސް ބަންދު ކުރިއެވެ. އެނިންމުމުގެ ސަބަބުން ޤަތަރަށް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވިއެވެ. ޤަތަރަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ގައުމެއް ކަމަށްވުމުން އަވައްޓެރި ގައުމުތަކުން ގުޅުން ކަނޑާލުމުން ޤަތަރު ރައްޔިތުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތި ލިބުމުގައި ވެސް ފުރަތަމަ ދުވަސްކޮޅު ގޮންޖެހުންތައް ކުރިމަތިވިއެވެ. ނަމަވެސް ފަހުން ޤަތަރުން ވަނީ އެހެން ގައުމުތަކުން އެގައުމަށް މުދާ އެތެރެ ކުރަން ފަށާފައެވެ.

ސައުދީ އަރަބިއްޔާ އިން އަލުން ޤަތަރާއި ގުޅުން ގާއިމުކުރާކަން އަދި ސައުދީ އަރަބިއްޔާ އިން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    ސައުދީ އެންމެ ފަހުން ބަލިވީ..

    12
    1
  2. ވަހުތާނު އަހުމަދު

    ސައޫދީންގެ ޓެރަރިސްޓް ކޯލިޝަންގެ ލާއިންސާނީ ޕުލޭން ފެއިލްވެއްޖެ!! ކުޑަކުޑަ ގަތަރުގެކުރި މަތީ ކުޑަކަކޫޖަހަން
    މަޖުބޫރުވެއްޖެޔޯ ... ސާބަހޭ ގަތަރު ..

    16
    1