އެމެރިކާގެ ސިއްރު އެތައް ހާސް ލިޔުމެއް ލީކްކޮށްލި ވިކިލީކްސްގެ ފައުންޑަރ ޖޫލިއާ އަސާންޖްގެ މައްޗަށް އެމެރިކާ އިން އުފުލާފައިވާ ޖާސޫސް ކުރުމުގެ ކުށުގެ ޝަރީޢަތް ކުރިއަށް ގެންދަން އޭނާ އެމެރިކާ ސަރުކާރާއި ހަވާލު ކުރަން އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރެވެން ނެތް ކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ޑިސްޓްރިކްޓް ކޯޓަކުން އިއްޔެ ކުރި ޙުކުމުގައި ބުނެފައި ވަނީ އަސާންޖް އެމެރިކާ އާއި ހަވާލު ކުރަން އަމުރު ކުރުމަކީ އަސާންޖްގެ ނަފްސާނީ ހާލަތު ހުރި ގޮތައް ބަލާއިރު ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ. އަސާންޖް އެމެރިކާ އާއި ހަވާލު ކުރަން ކޯޓުން އަމުރުކޮށްފިނަމަ އަސާންޖް އަމިއްލަ އަށް މަރުވުން ފަދަ ކަމެއް ކޮށްފާނެ ކަމަށް ކޯޓުގެ ޙުކުމުގައި ވެއެވެ.

އަސާންޖް އެމެރިކާ ސަރުކާރާއި ހަވާލު ކުރެވެން ނެތް ކަމަށް ކޯޓުން ޙުކުމް ކުރުމުން އަސާންޖްގެ ސަޕޯޓަރުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް ސިއްހީ ސަބަބުތަކެއް ދެއްކުމަށްފަހު އެފަދަ އަމުރެއް ނެރުމުން އަސާންޖްގެ ސަޕޯޓަރުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާގެ އޮފިޝަލުން ވަނީ އަސާންޖް އެމެރިކާއާއި ހަވާލު ކުރަން ނުޖެހޭނެ ކަމަށް ކުރި ޙުކުމް އިސްތިއުފާނު ކުރާނެކަމަށް ބުނެފައެވެ.

ކަފާލާތައް ފިލި މައްސަލައިގައި އަސާންޖް މިހާރު ވެސް ހުރީ އިނގިރޭސިވިލާތުގެ ޖަލެއްގައެވެ. އެމައްސަލައިގައި އޭނާ 50 ހަފްތާއަށް ޖަލަށް ލާން ޙުކުމް ކުރީ 2019 ވަނަ އަހަރުގެ މެއި 01 ވަނަ ދުވަހު އެވެ.

އެމެރިކާ އިން ވަނީ އަސާންޖްގެ މައްޗަށް 17 ދައުވާއެއް އުފުލާފައެވެ. އަސާންޖްގެ ވަކީލުން ވިދާޅުވާ ގޮތުގައި އޭނާ އެމެރިކާ އާއި ހަވާލުކޮށް އެމެރިކާގައި އޭނާގެ މައްޗަށް ޝަރީޢަތް ހިންގައިފިނަމަ 175 އަހަރުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.

އަސާންޖް އެމެރިކާ އާއި ހަވާލުކުރުމާއި ގުޅޭ ގޮތުން އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި އަސާންޖްގެ ވަކީލުން ބުނެފައި ވަނީ އަސާންޖް އެއްވެސް ކޮމްޕިއުޓަރެއް ހެކް ކުރިކަމުގެ ސާބިތު ހެއްކެއް ނެތް ކަމަށާއި އަދި އަސާންޖްގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވާވަރުގެ ކަމެއް ކުރިމަތިވެފައި ނެތް ކަމަށެވެ.

ޖޫލިއާ އަސާންޖް އެމެރިކާ އާއި ހަވާލުކޮށްފިނަމަ އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ފަހުގެ ތާރީޚެއްގައި އެޅިގެންދާނެ އެންމެ ބޮޑު ހުރަހަށް ވެގެންދާނެ ކަމަށް ޙައްޤުތައް ހޯދަން ވަކާލާތު ކުރާ ޖަމިއްޔާތަކުން ބުނެއެވެ.