އިއުލާން ކޮށްފައި އޮތްގޮތައް ސައުދީ އަރަބިއްޔާ އާއި ޤަތަރު ގުޅޭ ބޯޑަރު ސައުދީ އަރަބިއްޔާ އިން ހުޅުވާލައިފިއެވެ.

"އަލްޖަޒީރާ" އިން ރިޕޯޓް ކުރާ ގޮތުގައި ޤަތަރާއި ސައުދީ އަރަބިއްޔާ އެގަމު މަގުން ގުޅޭ ސަރަހައްދުގެ ބޯޑަރު ހުޅުވާލައި، ސައުދީ އަރަބިއްޔާގެ ކަސްޓަމްސްގެ އޮފިޝަލުން މިހާރު ވަނީ ބޯޑަރު ސަރަހައްދުގައި ޑިއުޓީ އަދާކުރަން ފަށާފައެވެ. ނަމަވެސް އަދި މިވަގުތާއި ހަމައަށް ދެގައުމުގެ ބޯޑަރު ހުރަސްކޮށް އެއްވެސް އުޅަނދެއް ދަތުރު ކޮށްފައެއް ނުވެއެވެ.

ޤަތަރުން ނިރުބުވެރިންނަށް (ޓެރަރިސްޓުންނަށް) އެހީތެރިވެދޭ ކަމަށް ބުނެ ސައުދީ އަރަބިއްޔާ އާއި ސައުދީ އަރަބިއްޔާއަށް ތާއިދު ކުރާ ގައުމުތަކުން ޤަތަރާއި ސިޔާސީ ގުޅުން ކަނޑާލީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ. ސައުދީ އަރަބިއްޔާގެ ބާރުއެޅުމާއިއެކު ޤަތަރާއި ގުޅުން ކަނޑާލީ ޔޫއޭއީ، ބަހްރޭން، މިސްރު އަދި ދިވެހިރާއްޖެ އިންނެވެ.

ސައުދީ އަރަބިއްޔާ އިން ޤަތަރުގެ ބޯޑަރު ހުޅުވާލުމުން ޔޫއޭއީ އިން ބުނެފައި ވަނީ ގަލްފްގެ ގައުމުތަކުގެ މެދުގައި އޮތް މައްސަލަ ހައްލުވުމުގެ ކަންކަން ފެށިއްޖެ ކަމަށާއި ނަމަވެސް އަދިވެސް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ބައްދަލުވުމެއް މިއަދު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާލްގައި ފަށާނެއެވެ. އެބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ޤަތަރުގެ އަމީރު ޝައިހް ތަމީމް ބިން އަހްމަދު އަލް ޘާނީއަށް ދެއްވާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިބައްދަލުވުމުގައި އަމީރު ޝައިހް ތަމީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޤަތަރާއި ސައުދީ އަރަބިއްޔާ އިން އަލުން ގުޅުން ގާއިމު ކުރި ނަމަވެސް އީރާނާއި އެކު ގުޅުން ގާއިމު ނުކުރާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ސައުދީ އަރަބިއްޔާ އިން ޤަތަރުގެ ބޯޑަރުތައް ހުޅުވާލަން ނިންމުމުން ގިނަ ގައުމުތަކަކުން އަންނަނީ އެކަމަށް މަރުޙަބާ ކިޔަމުންނެވެ. މިނިންމުމަށް މިހާތަނަށް މަރުހަބާ ކިޔާފައިވާ ގައުމުތަކުގެ ތެރޭގައި ތުރުކީ އާއި އެމެރިކާ ހިމެނެއެވެ.