ދެކުނު އެފްރިކާ އިން ފެނިފައިވާ ކޮވިޑް-19 އާވޭރިއަންޓް އަށް މިހާރު ހުއްދަ ދެވިފައިވާ ވެކްސިންތަކުން ރައްކާތެރިކަން ކަށަވަރު ކޮށްދޭކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ހަވާލާދީ އެމެރިކާގެ "ސީބީއެސް ނިއުސް" އިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވަނީ އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް-19 އާވޭރިއަންޓަށްވުރެ ދެކުނު އެފްރިކާ އިން ފެނިފައިވާ އާވޭރިއަންޓްގެ ނުރައްކާތެރިކަން ބޮޑުކަމަށް ހޯމަ ދުވަހު ވިދާޅުވެފައެވެ.

"އިނގިރޭސިވިލާތުގައި ފެތުރެމުންދާ އާވޭރިއަންޓަށްވުރެ މާބޮޑަށް ނުރައްކާ ދެކުނު އެފްރިކާގައި ފެތުރެމުންދާ ވޭރިއަން. ދެކުނު އެފްރިކާގެ ހާލަތާއި މެދު މާބޮޑަށް ކަންބޮޑުވާން ޖެހޭ." ހެންކޮކް ވިދާޅުވިއެވެ.

އޮކްސްފޯޑްގެ އިމިނޮލޮޖިސްޓެއް ކަމަށްވާ ޕްރޮފެސަރ ޖޯން ބެލް ވިދާޅުވީ ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ވައިރަސްގެ އާވޭރިއަންޓް އޮކްސްފޯޑް އާއި އެސްޓްރާ ޒެނެކާ ވެކްސިންގެ މިހާރުގެ ވާޝަން އަށް މަސައްކަތް ކުރާކަމަށް އަދި ލަފާ ނުކުރެވޭ ކަމަށެވެ.

"ވެކްސިން އާވޭރިއަންޓަށް މަސައްކަތް ކުރި ނަމަވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ނަމަވެސް ހުރިހާ ކަމެއް ކަށަވަރު ކުރަން އަދި އިތުރު މައުލޫމާތުތައް ބޭނުންވާނެ." ޖޯން ވިދާޅުވިއެވެ.

އޮކްސްފޯޑްގެ އިތުރުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާ އެމެރިކާގެ ބޭސް އުފައްދާ ކުންފުނި ޖޯންސަން އެންޑް ޖޯންސަން އިން މިހާރު ގެންދަނީ ދެކުނު އެފްރިކާގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ އާވޭރިއަންޓާއި ގުޅޭ ތަހްލީލްތައް ކުރަމުންނެވެ. މިތަހްލީލްތަކުގައި ވައިރަސްގެ އާވޭރިއަންޓަށް ވެކްސިން މަސައްކަތް ކުރާ މިންވަރެއް ބަލަމުން ގެންދާނެއެވެ.

މިހާރު އުފައްދާފައިވާ ވެކްސިންތަކަށް ވައިރަސްގެ އާވޭރިއަންޓް މަސައްކަތް ނުކުރާނަމަ ވެކްސިނަށް ބަދަލުތައް ގެންނަން ހަތަރު ވަރަކަށް ހަފްތާ ނަގާނެ ކަމަަށް ބެލެވެއެވެ. އަދި އެގެންނަ ބަދަލެއް ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ހޯދައިގެން ނޫން ގޮތަކަށް އާއްމުންނަށް ނުދެވޭނެއެވެ. އެހެންކަމުން ވައިރަސްގެ އާވޭރިއަންޓަށް ވެކްސިން މަސައްކަތް ނުކުރާނަމަ އެއީ ކުރިމަތިވާނެ ގޮންޖެހުމެކެވެ.

ކޮވިޑް-19ގެ އާވޭރިއަންޓްތަކެއް ފެތުރެމުން ދިޔަ ނަމަވެސް އެވޭރިއަންޓްތަކުގެ ނުރައްކާ ވަކިން އިތުރު ކަމެއް އަދި ފާހަގައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޭރިއަންޓް

    ކޮވިޑް އައީ އޭތީގެ މަގްސަދު ހާސިލްނުވަނީސް ބަލިކުރެވޭފަދަ ގޮތަކަށް ނޫންކަމަށް ލަފާކުރެވޭ. އިންސާނުން ވެކްސިން އުފެއްދިއަސް އޭތި އިންފެކްޓްވާން ބޭނުންވާ މީހުން އަދި ތިބިނަމަ އޭތި އެތައް ބަދަލެއް ގެނެސްގެންނަމަވެސް ބަދަލުވެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އަރަން ބޭނުންވާ ބަޔަކަށް އަރާނެ ކަމަށް ބެލެވޭ. އޭތި ދެކެ އިންސާނުން ކިތަންމެ ނުރުހުނަސް އޭތީގެ ވާޖިބު ފުރިހަމައަށް އޭތި އަދާކުރާނެ. އޭތި އަރަން ސަބަބެއްވާނެ ޣައިބުގައި އެކަންވީނަމަވެސް. އެ އަރައިގެން އެއްބަޔަކަށް ބަލީގެ އަލާމާތެއް ނެތުމާ، ބަލި ކުޑަކޮށްޖެހުމާ ބަލި ދިގުދެމިގެންދިއުމާ އެއްބަޔަކު މަރުވުމާ އެއީ އެކި މީހުންނަށް މިންވަރުކުރައްވާފައިވާ ގޮތް.