އިންތިޚާބުގެ ނަތީޖާ ބަދަލު ކުރެވޭ ވަރަށް ވޯޓު "ހޯއްދެވުމަށް" ޖޯޖިއާ ސްޓޭޓުގެ އިންތިޚާބާ ގުޅޭ އޮފިޝަލަކަށް ޓްރަމްޕް އެންގި މައްސަލަ އާއި ގުޅިގެން ޓްރަމްޕްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގައި ދިނުމަށް އެމެރިކާގެ ވެރިކަމާއި މިމަހު ހަވާލުވާ ޑިމޮކްރަޓިކް ޕާޓީން އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގެޝަން (އެފްބީއައި) ގައި އެދިއްޖެއެވެ.

ވޮޝިންޓަން ޕޯސްޓުން ލީކުކޮށްލާފައިވާ އޯޑިއޯއެއްގައި ޓްރަމްޕް ޖޯޖިއާގެ ރިޕަބްލިކަން ޕާޓީގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑް ރަފެންސްޕާގް ކައިރީ "އަޅުގަނޑު ބޭނުން ވަނީ ހަމައެންމެ 11،780 ވޯޓު،" ބުނާ އޯޑިއޯ އާއި ގުޅިގެން ޓްރަމްޕް އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ކޮންގްރެސް މެންބަރުން އެފްބީއައިގެ ޑިރެކްޓަރަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޓްރަމްޕްގެ އޯޑިއޯއަށް ބަލާއިރު އިންތިޚާބު އޮޅުވާލުމަށް ޓްރަމްޕް އިތުރު އެތައް މަސައްކަތެއް ވެސް ކޮށްފައިވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް ޓްރަމްޕްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގައި ދިނުމަށް ސިޓީގައި ކޮންގްރެސްގެ މެންބަރުން އެދިފައި ވެއެވެ.

އެމެރިކާގެ ޤާނޫނުލް އުޤޫބާތު ބުނާ ގޮތުގައި އިންތިޚާބުގެ އޮފިޝަލަކަށް ސަރުކާރުގެ އޮފިޝަލަކު އެއްވެސް ނުފޫޒެއް ފޯރުވުމަކީ ނުވަތަ އެއްވެސް ކަމަކަށް ހުރަސް އެޅުމަކީ ޤާނޫނީ ކުށެކެވެ.

ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން ހުށަހެޅި މައްސަލަ އާއި ގުޅިގެން އަދި އެފްބީއައި އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

އެމެރިކާގައި ނޮވެމްބަރ 04 ވަނަ ދުވަހު ބޭއްވި އިންތިޚާބު ވަނީ އޮޅުވާލާފައި ކަމަށް ބުނެ ޓްރަމްޕް ކޯޓަށް 60 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ޓްރަމްޕްގެ ތުހުމަތުތަކަށް ބާރުލިބޭ ވަރުގެ ހެކިތައް ނެތުމުން އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާވަރުގެ މައްސަލައެއް ޓްރަމްޕްއަށް ކާމިޔާބެއް ނުކުރެވުނެވެ.