ކޮވިޑް-19 މިހާރު އެންމެ ހަލުވިކޮށް ފެތުރެމުން އަންނަ އިނގިރޭސިވިލާތުން ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ ރަސްމީ ހުއްދައެއް ލިބިގެން ނޫން ގޮތަކަށް ގައުމުން ބޭރަށް ދަތުރުކުރުން އެގައުމުގެ ރައްޔިތުންނަށް މަނާކޮށްފިއެވެ.

މިނިންމުމުގެ ސަބަބުން ރަސްމީ ބޭނުމެއްގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ހާއްސަ ހުއްދައެއްގެ ދަށުން ކުރެވޭނެއެވެ. ނަމަވެސް ޗުއްޓީ އަށް ގައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދައެއް އެއްވެސް މީހަކަށް ނުދޭނެއެވެ. އަލަށް އަމަލު ކުރަން ފަށާ އުސޫލުގެ ދަށުން އިނގިރޭސިވިލާތައް އެތެރެވެވޭނީވެސް 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 ޓެސްޓެއްގައި ނައްސި ނަތީޖާއެއް އޮންނަ މީހުންނަށް އެކަންޏެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ މިހާރު ގައުމުން ބޭރުގައި ޗުއްޓީ ހޭދަކުރަމުންދާ މީހުންނާއި އަދި އެނޫން މީހުންނަށް ވެސް އިނގިރޭސިވިލާތައް އެތެރެވުމުގައި ހުރަހެއް ނެތް ކަމަށާއި އަދި އަވަސް އަރުވާލައިގެން އެމީހުން ގައުމަށް އެނބުރި ދާން ވެސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ޓްރެވަލް އެޖެންޓުންނާއި އަދި އެއާލައިންތަކާއި މަޝްވަރާކޮށްގެން ދަތުރަށް ބަދަލެއް އާދޭތޯ ހުރިހާ ފަރާތްތަކަކުން ވެސް ޗެކް ކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުގެ ގިނަ ސަރަހައްދުތަކުގައި މިހާރު ވަނީ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިންގްލެންޑާއި ސްކޮޓްލޭންޑް މިހާރު ވަނީ ފުރަބަންދު ކޮށްފައެވެ. އަދި އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވެސް އެމީހުން ދިރިއުޅޭ ވިލެޖުން ބޭރަށް ދިއުން ވަނީ މަނާކޮށްފައެވެ.

އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުންދާ އާވައްތަރުގެ ކޮވިޑް-19 އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އެރުން މާބޮޑަށް އަވަސް ކަމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އިނގިރޭސިވިލާތުގެ މީހުން ޗުއްޓީއަށް ގައުމުން ބޭރަށް ދަތުރު ކުރުން މަނާ ކުރުމުން އެކަމުގެ ގެއްލުން ދިވެހިރާއްޖެ އަށް ވެސް ކުރާނެއެވެ. އިނގިރޭސިވިލާތަކީ ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލި ފަހުން ތިން ވަނަ އަށް އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން އައި ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުއްބާ

    ހޭ އަރަފި؟؟

  2. މައުސޫމް

    ރާއްޖެ އާދެވެނެ ... އެގައުމުންމަނަާކުރިއަސް ރާއްޖެ އަބަދުވެސް ގެސްޓުންނަށް ކޮވިޑް ފުރީ ވާނެ ޑޮލަރުގަ ނުހުރޭ ކޮވިޑް އެއް ... ދެން ޕައުންޑް ލިބަެނީ ބޯކޮށް ... މަސޫމަށް