އެމެރިކާގެ ޕުއާޓޯ ރިކޯ ޖަލުން 143 ގައިދީ އަކަށް ކޮވިޑް-19 ޖެހިއްޖެ ކަމަށް އެގައުމުން ބުނެފިއެވެ.

އެގައުމުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެތަނުގައި މަސައްކަތް ކުރަމުން އަންނަ އޮފިސަރަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ފަހުން އޭނާ އާއި ފަސް ގައިދީ އަކު ވަނީ ބައްދަލުވެފައެވެ. އަދި އެ ގައިދީންނާއި އެތަނުގައި ދެން ތިބި ގައިދީންނާއި ވަނީ ކޮންޓެކްޓް ވެފައެވެ.

އެ ޖަލުން ފައްސިވެފައިވަނީ ވަކި ގޮޅިއެއްގައި ތިބި ބައެއް ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

ޕުއާޓޯ ރިކޯ ކަރެކްޝަންސްގެ ޑިޒައިނޭޓެޑް ސެކްރެޓަރީ އަނާ އެސްކޮބާ ޕަބޮން ބުނެފައިވަނީ ބަލި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަކަން އޭނާގެ ސަމާލު ކަމަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެސްކޮބާ ޕަބޮން ބުނެފައިވަނީ ދެ ގައިދީއަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، މި ބައްޔަށް ފައްސިވެފައިވާ އިތުރު ގައިދީން 14 ދުވަހުގެ މުއްދަތަކަށް އައިސޮލޭޓް ކޮށްފައިވާ ކަމަށެވެ. އަދި ދެން ތިބި ގޮޅިތަކުގައި ތިބި މީހުންނާއި ކޮންޓެކްޓް ވެފައި ހުރެދާނެތީ އެމީހުންގެ ސުންކު ނަގަމުން އަންނަ ކަމަށްވެސް އެސްކޮބާ ވަނީ ބުނެފައެވެ.

ޕުއާޓޯ ރިކޯ އިން ގިނަ އަދަދެއްގެ ގައިދީން ފައްސިވުމާއި ގުޅިގެން އެސްކޮބާ ވަނީ އެމީހުންނަށް ކާން ދޭން ދާ ފަރާތްތަކުން ޕްލާސްޓިކް އަންގީ ބޭނުން ކުރުމަށާއި އެތަނުން ބޭރަށް ތަކެތި ނުފޮނުވުމަށާއި އެތެރެ ނުކުރުމަށް ގޮވާލާފައެވެ. އަދި އެތަނުގައި މަސައްކަތް ކުރާ މީހުން ސަލާމަތީ ގޮތުން ބޭނުން ކުރާ ޕީޕީއީ ބޭނުން ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.