އިނގިރޭސިވިލާތުން މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ، އިތުރު 830 މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

އިނގިރޭސިވިލާތުން ދެންމެ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެގައުމުން ވަނީ މިއަދު 60,916 މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކުގައި ވަނީ އިތުރު 2434 މީހުން އެޑްމިޓް ކޮށްފައެވެ. އެއާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކޮވިޑް-19 ބަލި މީހުންގެ އަދަދު މިހާރު ވަނީ 14987 އަށް އަރާފައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކޮންޓްރޯލެއް ނެތި އިތުރު ވަމުން އަންނާތީ އިންގްލެންޑް މިހާރު ވަނީ ފުރަބަންދު ކޮށްފައެވެ. އަދި އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވެސް ދިރިއުޅޭ ވިލެޖުން ބޭރަށް ދިއުން ވަނީ މަނާކޮށްފައެވެ.

އިނގިރޭސިވިލާތުގައި މިހާރު އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ބެލެވޭ ގޮތުގައި ލުއިތައް ދެވޭނީ އަންނަ މާޗް މަހު ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއެވެ. އިނގިރޭސިވިލާތުން މަސައްކަތް ކުރަމުން އަންނަނީ މާޗް މަސް އަންނަން ވާއިރަށް އެގައުމުގެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ވެކްސިން ދޭށެވެ. ވެކްސިންގެ ދިއުމަށް އެންމެ ބޮޑެތި މަސައްކަތްތައް މިހާރު ކުރަމުން އަންނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މިއަދު ވިދާޅުވީ ކޮވިޑް-19 ވެކްސިން މުޅި އާބާދީއަށް ފުރަތަމަ ދޭ ގައުމަކަށް އިނގިރޭސިވިލާތް ހެދުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.